ދައުރުގެ އެންމެ ފަހު ދުވަސްކޮޅު ގުނަމުންދާ އިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި ވިސްނިވަޑައިނުގެންނެވި ކަމަކީ މީހުންގެ ފިކުރަށާއި ވިސްނުމަށް އައި ބަދަލު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ދައުރު ނިމެން މަހެއްހާ ދުވަހަށް ވެފައި ވަނިކޮށް މިއަދު ކުއްލި ގޮތަކަށް ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބުކުރައްވައި ދެއްވި ތަގުރީރުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ހުރިހާ މަސައްކަތަކާއި ސިޔާސަތުތަކުގެ އަސްލަކަށްވީ ގައުމުގެ ސަލާމަތާއި މަސްލަހަތުތައް ރައްކާތެރިކުރުން ކަމަށާއި "މިކަންކަން ކުރުމުގެ ތެރޭގައި ސިޔާސީ އެކި ފަރާތްތަކަށް އުނދަގޫވާ ކަންކަން ކުރެވިފައި ހުންނާނެ" ކަމަށެވެ.

"ސިޔާސީ ބޭފުޅުންނާ ދޭތެރޭގައި އެއްޗެއް ދަންނަވާކަށް ނެތިން. ނަމަވެސް މިއަދު ވެސް ކަށަވަރުކޮށްދޭން ބޭނުންވަނީ އެކަންކަމާ ދޭތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތައް އެޅީ މުޅި ދައުލަތުގެ ހައްގުގައި. އެތައް ދިވެހި ރައްޔިތުންގެ ހައްގުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރަކީ އުނދަގޫ ފަސް އަހަރު ކަމަށާއި އެ ހުރިހާ ކަމެއްގެ ތެރޭގައި ވެސް އެމަނިކުފާނަށް ގަބޫލުކުރަން އެންމެ ދަތިވި ކަމަކީ މީހުންގެ ވިސްނުމަށް އަންނަ ބަދަލުތައް ކަމަށެވެ.

"އެއްގޮތަކަށް ވެސް ފަސް އަހަރު ތެރޭގައި ދަހެއް ނުވި މީހުންގެ ފިކުރަށާއި ވިސްނުމަށް ބަދަލު އަންނަނީ ކީއްވެގެން ކަމެއް. ސިޔާސީ ލީޑަރުންނާއި ދިވެހި ރައްޔިތުންގެ ވިސްނުން މި އަވަސްމިނުގައި ބަދަލުވެގެން ދަނީ ކޮންކަހަލަ ނުފޫޒެއްގައިކަން އަޅުގަނޑަކަށް ދަހެއް ނުވި،" ރައީސް ޔާމީން ގައުމާ މުހާތަބުކުރައްވަމުން ވިދާޅުވި އެވެ.

"އެކަންކަން ދަސްނުވީމާ އެކަންކަމުގައި އަޅާނެ ފިޔަވަޅު އެޅުމަށް އަޅުގަނޑު ވަނީ ނުކުޅެދިފައި،"

ރައީސް ވިދާޅުވި ގޮތުގައި، އޭގެ ނަތީޖާއަކަށްވީ އެއްވެސް އިރެއްގައި ރާއްޖެއިން ނުފެންނަ ވަރަށް ގައުމުގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެގެން މަސައްކަތް ކުރި މަންޒަރު ރާއްޖެއިން ފެނިގެން ދިއުމެވެ.

"ހިތާމައަކީ މިއަދު ވެސް ފާހަގަކުރަންޖެހެނީ، އިންތިހާބެއް ނިމިގެންގޮސް އަޅުގަނޑުގެ ރަސްމީ މަސައްކަތުގައި އެންމެ ފަހުން ހިނގާ ދުވަސްކޮޅުގެ ތެރޭގައި ވެސް ހިޔާލަށް ގެންނަން ޖެހެނީ ގައުމުގެ މަސްލަހަތުތޯ ނުވަތަ އަމިއްލަ މަސްލަހަތުތޯ އިސްކުރެވިފައި ވަނީ،"

ދިވެހި ރައްޔިތުންނަކީ މައުސޫމު ރައްޔިތެއް ކަމަށް ވިދާޅުވަމުން، ރައީސް ޔާމީން ވިދާޅުވީ ގައުމުގައި އިސްކޮށް ކަންކަން ކުރަން ތިބޭ މީހުން ގައުމުގެ މަސްލަހަތު ހަވާސާގައި ބާއްވައި، އަމިއްލަ މަސްލަހަތު އިސްކުރާ ނަމަ "ދުވަހަކު ވެސް ދިވެހިރާއްޖެ އަށް ކުރިއެރުމެއް ނުލިބޭނެ" ކަމަށެވެ.

"[ދިވެހިރާއްޖެއަށް] ކުރިއަށް ދެވޭނެކަމަކަށް ގަބޫލެއް ނުކުރަން. އަދި ދުވަހަކު ވެސް ބޭރުގެ ފިއްތުންތަކާއި ނުރައްކާތެރި ކަންކަމުން ސަލާމަތް ކުރެވޭނެކަމަކަށް ނުވިސްނޭ."

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ (އިބޫ) އަތުން ބަލިވެފަ އެވެ.

އިބޫ އަށް ވޯޓު ދިން މީހުންގެ 58.4 ޕަސެންޓް ލިބިވަޑައިގަތް އިރު، ރައީސް ޔާމީން އަށް ލިބިވަޑައިގަތީ ވޯޓުގެ 41.6 ޕަސެންޓެވެ.