17 Oct 2018, 14:58
ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންތިޒާމްކޮށްގެން އެ ގައުމުގައި ބާއްވަމުންގެންދާ "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓް އެފިޝެންސީ ސިސްޓަމް (ޕޭސަސް) ކޮމްޕެޓިޝަން 2018" މުބާރާތުގައި ބައިވެރިވި އެމްއެންޑީއެފްގެ ޕޭސަސް ޓީމުން އެ މުބާރާތުން ރިހި މެޑަލް ހޯދައިފިއެވެ.
ޕޭސަސް ޓީމު މިއަދު ރާއްޖެ އައުމުން ދިވެހި ސިފައިން އެ ޓީމަށް ވަނީ ވަރަށް ހޫނު މަރުހަބާއެ ކިޔައިފައެވެ. އެ ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝާހިދެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބޭއްވި މުބާރާތުގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމް---
އެމްއެންޑީއެފް ޕޭސަސް ޓީމު މާލެ އައުމުން އެ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ވެސް ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ.
މިމަހުގެ އަށަކުން 14 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާނުގެ ލާހޯރުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 19 ގައުމަކުން ބައިވެރިވިއިރު، އެ މުބާރާތުގައި ބޭއްވި އިވެންޓްތަކުގެ ތެރޭގައި ހިމެނޭ މިނީ މެރަތަންއިން ކޯޕްރަލް ހުސައިން ފަޒީލް ހާރޫން ވަނީ ތިންވަނަ ހޯދައިފައެެވެ.
އެ މުބާރާތުގައި އެމްއެންޑީއެފުން ބައިވެރި ކުރީ ސިފައިންގެ ނުވަ ބޭކަލުންގެ މައްޗަށް ހިމެނޭ ޓީމެކެވެ. އެ ޓީމުގައި އިތުރު ދެ ރިޒާވަރުންނާއި މެނޭޖަރަކުވެސް ބައިވެރިވިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބޭއްވި މުބާރާތުގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމް---
ފިޒިކަލް ގިނަ ހަރަކާތްތަކަކާއެކު ކުރިއަށްދިޔަ މި މުބާރާތުގައި 3.2 ކިލޯ މީޓަރު ދުވުމާއި، ޕުލް އަޕްސް، ސިޓްއަޕްސް އަދި ޕުޝް އަޕްސް ފަދަ ހަރަކާތްތައް ހިމެނުނުއިރު، ފަޔަރިންގއާ އެކު ކުރިއަށްދިޔަ ކޮމްބެޓް އެފިޝެންސީ ޓެސްޓް (ސީއީޓީ) ވެސް އޮތެވެ.
ޕާކިސްތާނު އާމީން ކަނޑައަޅާފައިވާ ތަޖުރިބާކާރު އަދި ޓެކްނިކަލް އޮފިޝަލުންގެ ޓީމަކުން ވިލަރެސްކުރި މި މުބާރާތަކީ، ސަރަހައްދީ ޤައުމުތަކުގެ ސިފައިންގެ ފިޒިކަލް ފިޓްނަސް ލެވެލް މަތިކޮށް، ސިފައިންގެ ފިޓްނަސް ލެވެލް މޮޑާން ޓެކްނޮލޮޖީގެ އެހީގައި ދެނެގަތުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
މިއީ އެ މުބާރާތުގައި ސިފައިންގެ ޓީމު ވާދަކުރި ދެވަނަ ފަހަރެވެ.