22 Sep 2011, 20:34
ޓައިމްސް އެޓްލާސްގެ ދުނިޔޭގެ ޗާޓުގެ 14 ވަނަ އެޑިޝަން އިން ރާއްޖެ ފުހެލުމަށް އެ ޖަމިއްޔާއިން ވިސްނަމުންދާ ކަމަށް އަޑުފެތުރިފައިވާ ކަމަށް ބުނެ ޓެލެގްރާފް ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ހިޔާލީ ހަބަރެކެވެ.
އެޓްލަސް އިން ދެން އެންމެ އަވަހަށް ނެރޭ އާ ޗާޓުގައި ރާއްޖެ އާއި ޓުވާލޫ އާއި ބަންގުލަދޭޝްގެ ބޮޑު ބަހެއް ނުހިމަނާނެ ކަމަށް ބުނެ އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޓެލެގްރާފްގެ ބްލޮގެއްގައި ލިޔެފައި އޮތުމުން އެ ހަބަރު ރާއްޖޭގެ މީޑިއާތަކުން ވެސް ވަނީ ކަވަރުކޮށްފަ އެވެ. ޖޭމްސް ޑެރިންގްޕޯލް ނަމަކަށް ކިޔާ ލިޔުންތެރިޔަކު އެ ހަބަރު ލިޔެފައި އޮތީ ޓައިމްސް އެޓްލަސްގެ ތަރުޖަމާނު "ޑޭވިޑް ރޯސް" ނަމަކަށް ކިޔާ މީހަކާ ހަވާލާދީ އެވެ.
ނަމަވެސް، އެ ލިޔުމަކީ ހިޔާލީ ހަބަރެއް ކަމަށާއި އަދި ހަބަރުގައި ހަވާލާދީފައިވާ ޑޭވިޑް ރޯސް އަކީވެސް އެ ލިޔުންތެރިޔާ ބޭނުންކޮށްފައިވާ ހިޔާލީ ޝަހުސެއް ކަން ވަނީ އެނގިފަ އެވެ.
އަދި ޓައިމްސް އެޓްލަސްގެ ޕަބްލިޝަރު، ހާޕާ ކޮލިންސްއާ ހަވާލާދީ "މިނިވަން ނިއުސް" އިން ބުނެފައިވަނީ، ރާއްޖެ އާ ޗާޓުގައި ނުހިނަމާނެ ކަމަށް ލިޔެފައިވާ ހަބަރުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އަދި އެ ހަބަރުގައި ބުނާ "ޑޭވިޑް ރޯސް" އަކީ ވެސް ހިޔާލީ ނަމެއް ކަމަށެވެ.
އަދި އާ ޗާޓުގައި ރާއްޖެ އޮންނާނެ ކަން ހާޕާ ކޮލިންސް އިން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް މިނިވަންގެ ހަބަރުގައި ބުނެފައިވެ އެވެ.
ނަމަވެސް، އެ "ހިޔާލީ" ހަބަރުގެ މައްސަލަ ރާއްޖޭގައި ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި ސަރުކާރުން ވަނީ ޓެލެގްރާފް ނޫހުން އެކަމަށް މައާފަށް އެދުމަށް އެދި ސިޓީ އެއް ފޮނުވާފައި ކަމަށް މިނިވަންގައި ބުނެފައިވެ އެވެ.
ސަންގެ އެޑިޓަރު ވިދާޅުވީ، ސަންގައި އެ ހަބަރު ޖެހީ އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއްގައި ރާއްޖެއާ ބެހޭގޮތުން އެފަދަ ހަބަރެއް ޖެހުމުން އެ މައުލޫމާތު އާއްމުންނާ ހިއްސާ ކުރުމަށް ކަމަށެވެ. އަދި ފަހަރެއްގައި ވެސް އެފަދަ ސީރިއަސް ހަބަރުތައް އެފަދަ މަޝްހޫރު ނޫސްތަކުގައި ހަގީގަތެއް ނެތް ގޮތަށް ޖަހާނެ ކަމަށް ހީކޮށްގެން ނޫނެވެ.
ޑޭވިޑް ރޯސް އާ ހަވާލާދީ ޓެލެގްރާފްގައި ލިޔެފައި ވަނީ، އެޓްލަސްގެ އާ ޗާޓުގައި ރާއްޖެއާއި ބަންގުލަދޭޝްގެ ބޮޑު ބައެއްގެ އިތުރުން ޓުވާލީ ނުހިނަމަން ވިސްނަމުންދަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސީރިއަސްކަން ދުނިޔެ އަށް އަންގައިދިނުމަށް ޓަކައި ކަމަށެވެ. ޖޯގުރަފިކަލީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ ކަމަށާއި ނަމަވެސް އެއީ އެމީހުން "ދުނިޔެ ތަސައްވަރު ކުރާ ގޮތް" ކަމަށް ވެސް އެ ހަބަރުގައި ބުނެފައިވެ އެވެ.