17 Oct 2018, 11:56
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގެންނެވި ވޯޓު ރައީސް އަބްދުﷲ ޔާމީނަށް ލިބުނު ވޯޓަށް ހަދައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ ބާތިލުކޮށްދޭން މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެއެވެ.
އެ މައްސަލަ އިއްޔެ ހައިކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުލްމާނިއު ހުސައިނެވެ.
މައްސަލަ ހުށަހެޅުއްވި ސަބަބެއް ކަމަށް މާނިއު ވިދާޅުވެފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓް ނަމްބަރު އެކެއް، ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ދެއްވުމަށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުން އެ ފާހަގަ ކެންޑިޑޭޓް ނަމްބަރު ދޭއް، އިބޫއަށް ވޯޓު ދޭން ފާހަގަ ޖަހާ ގޮޅިއަށް ކެމިކަލެއްގެ ސަބަބުން ބަދަލުވެފައިވާތީ ކަމަށެވެ.
ނަމަވެސް މިއަދު މާނިއު ވަނީ އެ މައްސަލަ ބާތިލުކޮށްދިނުމަށް އެދި ސިޓީއަކުން ހައިކޯޓުގައި އެދިފައެވެ.
ބާތިލުކޮށްދޭން އެދުނު ސަބަބެއް ކަމަށް މާނިއު ސިޓީގައި ބަޔާންކޮށްފައިވަނީ ވޯޓު ކަރުދާހުގައި އެއްގޮޅިން އަނެއް ގޮޅިއަށް ފާހަގަ ބަދަލުވާ ކަމަށް ބުނެ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ދެއްކެވި ވާހަކަފުޅަކީ ދޮގެއްކަން ކަށަވަރުވެފައި ވާތީ ކަމަށެވެ.
"ރޯމަރުދޮގުގެ މައްޗަށް ލެނބެވިގެން އިންތިހާބީ މައްސަލައިގެން ޝަކުވާއެއް ތިޔަ ކޯޓަށް ހުށަހެޅުނު ކަމަށްޓަކައި ހިތާމަކުރާ ހާލު، ޝާކުވާ ހުށަހެޅި ފޯމު ވަގުތުން ވަގުތަށް ބާތިލުކޮށްދިނުމަށް އެދި ދަންނަވަން،" މާނިއު ވިދާޅުވިއެވެ.
މާނިއު އިއްޔެ ހައިކޯޓަށް އެމައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.
މިދިޔަ މަހު 23ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ ވޯޓް ދިން މީހުންގެ 58.4 ޕަސެންޓް (134،705) ވޯޓާ އެކު އެވެ. ރައީސް ޔާމީންނަށް ލިބިވަޑައިގެންފައި ވަނީ ވޯޓު ދިން މީހުންގެ 41.6 ޕަސެންޓް (96052) ވޯޓެވެ.