ރާއްޖެއިން ބޭރުގައި ތިއްބެވި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން އިއްޔެ ރާއްޖެ ވަޑައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ޕީޕީއެމުން ތުހުމަތުތަކެއް ކުރަމުން ދާ ދަނޑިވަޅެއްގައި އެ ކޮމިޝަނުގެ ހަތަރު މެމްބަރަކު ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ޕީޕީއެމުން ދިޔައީ އެކަމާ ފާޑު ކިޔަމުންނެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ތިއްބެވުމަށް ފަހު ތިން މެމްބަރަކު ރާއްޖެ ވަޑައިގެންފައިވާކަން ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް "ސަން" އަށް ކަށަވަރުކޮށްދެއްވިއެވެ. އެ ތިން މެމްބަރުންނަކީ އަކުރަމްގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އަދި ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތެވެ.

އަކްރަމް ވިދާޅުވީ އެބޭފުޅުން ރާއްޖެއިން ބޭރަށް ވަޑައިގަތީ ވަކި ކަމަށް ފިއްލަވަން ނުވަތަ ވަކި ބައެއް ދެކެ ބިރުން ނޫންކަމަށެވެ. އަދި ކޮމިޝަނުގެ އެއްވެސް މެމްބަރު މީހަކު ދައްކާ ބިރަކަށް ޖެހިލުން ނުވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

"ކޮމިޝަނުގެ މެމްބަރުން އަމަލުކުރާނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް. އެއްވެސް މީހަކު ދައްކާ ބިރަކަށް ޖެހިލުމެއް ނުވާނެ،" އަކްރަމް ވިދާޅުވިއެވެ.

މިހާރު ރާއްޖެއިން ބެރުގައި ހުންނެވީ ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު އަބްދުލްރަހީމް އެކަންޏެވެ. އަކްރަމް ވިދާޅުވީ ހަބީބު އެނބުރި ވަޑައިގެންފައި ނުވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން އަދި ނުނިމޭތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ރައީސްގެ މައްޗަށް އިންތިހާބުގައި އޮޅުވާލި ކަމަށް ތުހުމަތުކޮށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ އިންތިހާބު ބާތިލުކޮށްދިނުމަށެވެ. އެމައްސަލައިގައި ދެން އޮތީ ހުކުމް ކުރުމެވެ.