17 Oct 2018, 11:10
ދުނިޔޭގެ ތަރައްގީވަމުން އަންނަ 77 ގައުމު ހިމެނޭ "ގުރޫޕް އޮފް 77"ގެ ޗެއާއަކަށް ފަލަސްތީން އިންތިހާބުކޮށް، އދ.ގެ މެމްބަރު ގައުމުތަކަށް ލިބޭ ހުރިހާ ހައްގުތަކެއް ފަލަސްތީނަށް ދިނުމަށް އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.
ސަތޭކަ ނުވަދިހަ ތިން މެމްބަރުން ހިމެނޭ އދ.ގެ އާންމު މަޖިލީހުގައި އެ ގަރާރާ އެއްކޮޅަށް 146 މެމްބަރުން ވޯޓު ދިނެވެ. އެގަރާރާ ދެކޮޅަށް ވޯޓު ދިނީ އޮސްޓްރޭލިއާ، އެމެރިކާ އަދި އިސްރާއީލު އެކަންޏެވެ. އަދި އެވޯޓަށް 15 ގައުމަކުން ހާޒިރު ނުވާ އިރު 29 ގައުމަކުން ވޯޓުގައި ބައިވެރި ނުވެއެވެ.
އެ ވޯޓުގައި ރާއްޖެއިންވެސް ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދީފަ އެވެ. ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީ ނަސީރު މުހައްމަދު ވަނީ، މިއީ ފަލަސްތީނަށް ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލު ހޯދުމުގެ މަސައްކަތުގައި ތާރީހީ ދުވަހެއް ކަމަށް ވިދާޅުވެފައެވެ.
A historic day in#Palestine’s struggle to gain full sovereignty. The#UNGA73today decided to grant all rights & responsibilities similar to that of a Member State to Palestine for it to be the Chair of#G77for 2019.#Maldivesis proud to have supported the Resolution.pic.twitter.com/R4WFLmMnUp
— Ali Naseer Mohamed (@AlinyMohamed)October 16, 2018
ފަލަސްތީނަކީ އދ.ގެ މެމްބަރެއް ނޫނެވެ. ނަމަވެސް 2012 ވަނަ އަހަރު އދ.އިން ވަނީ ފަލަސްތީނަކީ "ނޮން މެމްބަރ އޮބްޒާވާ ސްޓޭޓެއް"ގެ ގޮތުގައި ކަނޑައަޅާފައެވެ. ފަލަސްތީނުގެ ދިދަ، ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި އެންމެ ފުރަތަމަ ނެގީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.
ނޮން މެމްބަރ ސްޓޭޓެއްގެ ގޮތުގައި އދ.އިން ފަލަސްތީނު ކަނޑައެޅީ އާންމު މަޖިލީހުންނެވެ. އެގޮތަށް ކަނޑައެޅުމުގެ ސަބަބުން އެ މަޖިލީހުގައި ނަގާ ބައެއް ވޯޓުތަކުގައި ފަލަސްތީނަށް ބައިވެރިވެވޭނެއެވެ. ނަމަވެސް އެ މަޖިލީހުގެ ބައްދަލުވުންތަކުގައި ފަލަސްތީނަށް ވާހަކަދެއްކޭނީ މެމްބަރު ގައުމުތަކަށްފަހުއެވެ.
އދ.ގެ މެމްބަރަކަށް ލިބޭ ހައްގުތައް ފަލަސްތީނަށްވެސް ދިނުމާ ބެހޭ ގަރާތު އދ.ގެ އާންމު މަޖިލީހަށް ހުށަހެޅީ މިސްރުންނެވެ. މިސްރުން ބުނި ގޮތުގައި، ފަލަސްތީނު ނޮން މެމްބަރ ދައުލަތެއްގެ ގޮތުގައި އޮތުރުން އދ.ގެ އެކި މަޖިލީސްތަކުގައި ފަލަސްތީނަށް ލިބޭ ހައްގުތައް ތަފާތުވެއެވެ.
އެހެންކަމުން ޖީ77ގެ ޗެއާގެ ޒިންމާތައް ފުރިހަމަ ކުރުމަށްޓަކައި އެގަރާރުގައި ހިމެނޭ ހައްގުތައް ފަލަސްތީނަށް ލިބިދިނުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރިއެވެ.
ނަމަވެސް އެމެރިކާއާއި އިސްރާއީލުން ވަނީ ފަލަސްތީން ޖީ77ގެ ޗެއާ ކަމަށް އިންތިހާބު ކުރުމާއި ފަލަސްތީނަށް އިތުރު ހައްގުތަކަށް ދިނުމާ ދެކޮޅު ހަދާފައެވެ. އަދި ފަލަސްތީނަކީ ދައުލަތެއް ކަމަށް އެމެރިކާއިން ބަލައިނުގަންނަ ކަމަށާއި އދ.ގެ މެމްބަރު ގައުމަކަށް ވުމަށް ފަލަސްތީނުގެ ކުފޫ ހަމަނުވާކަމަށް ބުނެފައެވެ.