އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، ސަލްމާން ހާނާއި ކެޓްރީނާ ކައިފް ލީޑު ރޯލު ކުޅޭ "ބާރަތު"ގެ މުހިއްމު މަންޒަރުތަކެއް އަބޫދާބީގައި ނަގައި ނިންމާލައިފިއެވެ.

އަބޫދާބީގެ ޝޫޓިން ޝެޑިއުލް ނިންމާލިކަން ވަނީ ޒަފަރު ކުރި ޓްވިޓެއްގައި ހާމަކޮށްފައެވެ. މީގެ ކުރިން "ބާރަތު"ގެ މަންޒަރުތަކެއް ވަނީ އިންޑިއާގެ އިތުރުން މޯލްޓާ ގައިވެސް ނަގާފައެވެ.

މޯލްޓާގެ ޝޫޓިންގައި ސަލްމާންގެ އާއިލާގެ ބައެއް މެންބަރުން ވެސް ބައިވެރިވިއެވެ. އެ ފިލްމުގެ ޓީޒާ މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.

ފިލްމުގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ޖެކީ ޝްރޮފް، ތައްބޫ، ޑިޝާ ޕަޓްނީ، އަދި "ދިލްބަރް" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި ނޯރާ ފަތެހީ ހިމެނެއެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ އެވެ.

ޖެކީ ޝްރޮޕް "ބާރަތު"ގައި ކުޅެނީ ސަލްމާންގެ ބައްޕަގެ ރޯލެވެ. ޒަފަރު ބުނެފައިވާ ގޮތުގައި ޖެކީ އަށް އެ ރޯލު އެއްވެސް ޖެހިލުމެއްނެތި ފަސޭހަކަމާއެކު ކުޅެލެވޭނެއެވެ.

"ބާރަތު"ގެ ހުރިހާ މަސައްކަތްތެއް ނިމި ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގައެވެ.