17 Oct 2018, 09:01
ވޮޝިންޓަން(އޮކްޓޯބަރު 16): ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚަޝޯގީއަށް ވީގޮތެއް އެނގި ނުލައްވާ ކަމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.
ބިން ސަލްމާން އެފަދައިން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފޯނުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ޓްރަމްޕް ކުރެއްވި ޓުވީޓުތަކެއްގައިވާ ގޮތުން ވަލީއަހުދު ވަނީ ތުރުކީގެ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔާއަށް ވީގޮތެއް އެއްވެސް ގޮތަކަށް އެނގި ނުލައްވާ ކަމަށް ވިދާޅުވެފައެވެ.
އަދި އެމައްސަލައިގެ ފުރިހަމަ ތަހުގީގެއް ވަރަށް ފުޅާ ދާއިރާއެއްގައި ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަން ބިން ސަލްމާން ހާމަ ކުރެއްވި ކަމަށް ޓްރަމްޕްގެ ޓުވީޓުގައިވެއެވެ.
Just spoke with the Crown Prince of Saudi Arabia who totally denied any knowledge of what took place in their Turkish Consulate. He was with Secretary of State Mike Pompeo...
— Donald J. Trump (@realDonaldTrump)October 16, 2018
އެދެބޭފުޅުން ފޯނުން ވާހަކަ ދައްކަވާފައި ވަނީ ސައުދީ އަރަބިއާގައި މިހާރު ހުންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ، ވަލީ އަހުދާ ބައްދަލު ކުރެއްވި ވަގުތުގައެވެ.
އެބައްދަލުވުމާ ބެހޭ ގޮތުން އެމެރިކާއިން ނެރުނު ބަޔާނުގައިވާ ގޮތުން، ވަލީއަހުދާއި ޕޮމްޕިއޯ ވަނީ ޚަޝޯގީ ގެއްލުނު މައްސަލައިގެ "ފުރިހަމަ، ދެފުށްފެންނަ، އަދި އަވަސް ތަހުގީގެއް" ކުރިއަށް ގެންދިޔުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަައްވާފައެވެ.
ސައުދީ ވަލީއަހުދުގެ އިތުރުން ޕޮމްޕިއޯ ވަނީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި ޚަޝޯގީގެ މައްސަލަ ސައުދީން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ރަސްގެފާނު ދެއްވުމާ ގުޅުގިން، ރަސްގެފާނަށް ޝުކުރު އަދާ ކުރައްވާފައެވެ.
ތުރުކީގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި މިމަހުގެ ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން ގެއްލުނު ޚަޝޯގީ ވަނީ މަރާލާފައެވެ. ނަމަވެސް ސައުދީ އަރަބިއާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.
އެގޮތުން މިމަހުގެ ތިނެއްގައި ބްލޫމްބާގަށް ދެއްވި އިންޓަވިއުއްގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ، ޚަޝޯގީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ކުޑަ ވަގުތުކޮޅެއް ތެރޭ ނުވަތަ އެއް ގަޑިހާ އިރުތެރޭ ނިކުތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ޚަޝޯގީއާ އެކު ކޮންސިއުލޭޓަށް ދިޔުމަށް ފަހު، އެއިމާރާތުގެ ބޭރުގައި 10 ގަޑިއިރަށް ވުރެ ގިނަ އިރުވަންދެން މަޑު ކުރި އެނާގެ ލޯބިވެރިޔާ ވަނީ ޚަޝޯގީ ކޮންސިއުލޭޓުން ނުނިކުންނަ ކަމަށް ބުނެފައެވެ. (ބީބީސީ)