އިޓަލީގެ އިންޓަމިލާނަށް މިސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން ކާމިޔާބީއެއް ހޯދައިދެވިފައި ނުވުމުގެ ސަބަބުން ޖިއަން ޕިއެރޯ ގަސްޕެރިނީ ކޯޗުކަމުން ވަކިކޮށް، ކްލައުޑިއޯ ރަނިއޭރީ އާއި ކޯޗުކަން ހަވާލުކޮށްފިކަން ރަސްމީކޮށް އެކުލަބުން އިޢުލާން ކޮށްފި އެވެ.

ކުރިން އިންޓަމިލާނަށް ތިން ތަށި ހޯދައިދިން ކޯޗު ހޯސޭ މޮރީނިއޯ ރެއާލް މެޑްރިޑުގެ ކޯޗުކަމާއި ހަވާލުވިފަހުން މިދިޔަ ސީޒަނުގައި ދެކޯޗުންނާއި އިންޓަމިލާން ހަވާލު ކޮށްފައިވެ އެވެ. މޮރީނިއޯގެ ކާމިޔާބީއަށް ފަހު އިންޓަމިލާން ހަވާލުކުރި ލިވަޕޫލުގެ ކުރީގެ ކޯޗު ރަފެއަލް ބެނިޓޭޒް އަށް އެދެވޭ ކާމިޔާބެއް ހޯދައި ނުދެވުމުން ކުރިން އޭސީ މިލާންގެ ކޯޗުކަން ކުރި ލިއަނާޑޯ އަރޯޖާ އާއި ޓީމު ހަވާލުކުރި އެވެ. މިދިޔަ ސީޒަނުގައި އިޓަލީ އަށް ކޮޕާ އިޓަލިއާ ތަށި އިންޓަމިލާނަށް ހޯދައިދިނުމަށް ފަހު ފްރާންސްގެ ޕީއެސްޖީ ގެ ކޯޗުކަމާއި ލިއަނާޑޯ ހަވާލުވުމުން މި އަހަރުގެ ޖޫން މަހު ޓީމު ހަވާލުކުރީ ގަސްޕެރިނީ އާ އެވެ.

ގަސްޕިރިނީ އަށް ފަހު އިންޓަމިލާނުގެ ކޯޗުކަން ހަވާލުކުރި ރަނިއޭރީ އަކީ ކުރިން އިނގިރޭސި ވިލާތުގެ ޗެލްސީ އަށާއި އިޓަލީވިލާތުގެ ކަގްލިއެރީ، ނަޕޯލީ، ފިއޮރެންޓީނާ، ޕާމާ، ޔުވެންޓަސް އަދި ރޯމާގެ އިތުރުން ސްޕެއިންގެ ވެލެންސިއާ އަދި އެތްލެޓިކޯ މެޑްރިޑަށް ވެސް ކޯޗުކަން ކޮށްދީފައިވެ އެވެ.

"ކްލައުޑިއޯ ރަނިއޭރީ އާއި ރަސްމީކޮށް ކުލަބު ވަނީ ހަވާލު ކުރެވިފައި. އިންޓަމިލާން އާ އެކު ކޯޗު ސޮއިކުރީ 2013 ވަނަ އަހަރުގެ ޖޫން 30 އާއި ހަމައަށް." އިންޓަމިލާނުގެ ރަސްމީ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާ ބަޔާނެއްގައިވެ އެވެ.

އިންޓަމިލާނުގެ ކޯޗު ރަނިއެރީ ބުނިގޮތުގައި، ކުރީގެ ކޯޗު ގަސްޕެރިނީ އަށް ފާޑުކިއޭނެ އެއްވެސް ޖާގައެއް ނެތްކަމަށާއި އެންމެ ފަހު ވަގުތާއި ޖެހެންދެން އޭނާގެ ޚިޔާލާއި އެއްގޮތަށް ޓީމު ބިނާކުރެވޭތޯ މަސައްކަތް ކުރި ކަމަށެވެ. މީގެ އިތުރުން ރަނިއެރީ ބުނީ، ޓީމާއި އެތަކެއް ވާހަކަތަކެއް ދައްކަން އެބަހުރި ކަމާއި ޓީމުގެ ކުޅުންތެރިންގެ އެހީ އޭނާ ބޭނުންވާ ކަމަށެވެ.

"ގަސްޕެރިނީ ގެ ޚިޔާލާއި އެއްގޮތަށް އޭނާ ޓީމު ބައްޓަން ކުރެވެތޯ ބެލި. އޭނާ ޚިޔާލުތައް ބަދަލުކޮށް ކުރެވެން ހުރި ގޮތަކަށް ޓީމު ވަރުގަދަ ކޮށްގެން ކާމިޔާބު ހޯދައިދެވޭތޯ މަސައްކަތް ކުރި. އެހެންކަމުން އޭނާއަށް ފާޑުކިޔޭނެ އެއްވެސް ޖާގައެއް ނެތް. އިންޓަމިލާނަކީ ވަރުގަދަ މޮޅު ޓީމެއް. ޓީމާއި އެތަކެއް ވާހަކަތަކެއް ދައްކަން އެބަހުރި. އަހަރެން އެބަޖެހޭ ޓީމު ލީގުގެ ކުރިއަށް އަރުވަން. އަކުމުގައި ކުޅުންތެރިންގެ އެއްބާރުލުން އަހަރެން ބޭނުންވާނެ. އަހަރެންގެ ކޮންމެ ޚިޔާލަކުން ކާމިޔާބު ލިބޭނެ." ރަނިއޭރީ ބުންޏެވެ.

މިސީޒަނުގައި އިންޓަމިލާނު ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެފައިވާ އިރު، އަނެއް ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އިޓަލިއާން ސުޕަ ކަޕްގައި ކުޅުނު މެޗުންނާއި ޗެމްޕިއަންސް ލީގުގައި ވެސް ވަނީ ބަލިވެފަ އެވެ. އިޓަލީ ލީގުގައި ކުޅުން ތިން މެޗުން ލިބުނު ޕޮއިންޓަކާއެކު އިންޓަމިލާން އުޅެނީ ލީގުގެ 18 ވަނާގަ އެވެ.