16 Oct 2018, 22:33
ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ދިޔަ ފަހުން ވީ ނުވީއެއް ނޭނގި ގެއްލުނު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ، އެ ކޮންސިއުލޭޓްގެ ތެރޭގައި މަރާލިކަމުގެ ހެކި ފެނިއްޖެކަމަށް ތުރުކީއިން ބުނެފިއެވެ.
ތުރުކީގެ ފުލުހުންގެ އިސް އޮފިޝަލެއް އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެމުން ވިދާޅުވީ ޖަމާލް މަރާލިކަމުގެ ހެކި ފެނިފައިވާކަމަށެެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
އެ އޮފިޝަލް އިތުރަށް ވިދާޅުވީ ޖަމާލް ކޮންސިއުލޭޓް ތެރޭގައި މަރާލުމަށްފަހު އޭނާގެ ފަޔާއި އަތް ބުރިކޮށްލައިފައިވާ ކަމަށެވެ.
ސައުދީގެ ކޮންސިއުލޭޓްގެ ބައެއް ތުރުކީގެ ބޮޑުވަޒީރު ތައްޔިބު އުރުދުއާން މިއަދު ވިދާޅުވީ ޖަމާލް ގެއްލުނުފަހުން އެ ކޮންސިއުލޭޓް ތެރޭގައި ކުލަވެސް ލާފައިވާ ކަމަށެވެ.
ތުރުކީގެ ފުލުހުން އެގައުމުގައި ހުންނަ ކޮންސިއުލޭޓަށް ވަދެ ފާސް ކުރަން ފެށީ މިއަދު ހަވީރުއެވެ. އެ ކޮންސިއުލޭޓްގައި ހުންނަވާ ސައުދީގެ ކޮންސުލް މުހައްމަދު އަލް އޮތައިބީ މިއަދު ވަނީ ތުރުކީ ދޫކުރައްވައި ފުރާވަޑައިގެންފައެވެ.
ސައުދީ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން ސަލްމާން ރަސްގެފާނު ވަނީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ ގެއްލުނު މައްސަލައިގެ ތަހުގީގެއް ކުރިއަށްގެންދިޔުމަށް އެގައުމުގެ ޕަބްލިކް ޕްރޮސިކިއުޓަރަށް އަމުރު ކުރައްވާފަ އެވެ. އަދި ތުރުކީގައި އެމައްސަލަ ތަހުގީގު ކުރަމުންދާ ޓީމާ ގުޅިގެން މަސައްކަތް ކުރުމަށް އަންގަވާފަ އެވެ.
އެމެރިކާގައި އަމިއްލައަށް އަރުވާލެވިގެން ދިރިއުޅޭ ޚަޝޯގީ ގެއްލިފައި ވަނީ ތުރުކީ އަންހެނަކާ ކައިވެނި ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށް، މިމަހުގެ ދޭއްގައި ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ.
ތުރުކީގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި ސައުދީން ވަނީ ކޮންސިއުލޭޓު ތެރޭގައި ޚަޝޯގީ މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑު އެހެން ތަނަކަށް ގެންގޮސްފަ އެވެ. ނަމަވެސް ސައުދީން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.