ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޖެކްލިން ފެނަންޑޭޒަކީ ސްރީ ލަންކާއަށް އުފަން ބަތަލާއެކެވެ. ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ކުޅެ، ޖެކްލިން ވަނީ ލަންކާ ވެސް ފަހުރުވެރިކޮށްދީފައެވެ.

ބޮލީވުޑަށް ނުކުތުމުގެ ކުރިން ޖެކްލިން އަކީ މޮޑެލެކެވެ. ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން އޭނާ މަޝްހޫރުވީ މިސް ޔުނިވާސް ސްރީ ލަންކާގެ ތާޖު ހާސިލްކޮށްގެންނެވެ.

މިހާތަނަށް އައިއިރު ޖެކްލިންގެ ގިނަ ފިލްމު ތަކެއް ބެލުންތެރިންނާ ހަމަޔަށް ވަނީ އައިސްފައެވެ. ޖެކްލިން މިހާރު މިވަނީ އަމިއްލަ ގައުމުގެ ފިލްމެއް ވެސް ކުޅެފައެވެ. ނަމަވެސް އެއީ އިނގިރޭސި ބަހުން އަޑު އަޅާފައިވާ ފިލްމެކެވެ.

"އެކޯޑިން ޓު މެތިއު" ގެ ޕޯސްޓަރެއްގައި ޖެކްލިން...

އުމުރުން 33 އަހަރުގެ މި ޒުވާން ބަތަލާ ކުޅެފައިވާ ފިލްމުގެ ނަމަކީ، "އެކޯޑިން ޓު މެތިއު" އެވެ. ފިލްމުގެ ޓްރެއިލާ ވެސް މިހާރު މިވަނީ އާންމުކޮށްފައެވެ.

އެ ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ، ކްރިސްޓިއަން ފާދިރީއަކު އަނބިމީހާ މަރާލައި، އޭނާގެ މިސްޓްރެސްއާ ބާއްވާ ސިއްރު ގުޅުމެއްގެ ވާހަކަ ތަކެއްގެ މައްޗަށެވެ. ޗަންދުރަން ރުތުނަމް ޑައިރެކްޓްކޮށްފައިވާ "އެކޯޑިން ޓް މެތިއު" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

"އެކޯޑިން ޓު މެތިއު" ގެ ޓްރެއިލާ....

ޖެކްލިން އާއެކު އެ ފިލްމުން ދެން ފެނިގެންދާނީ އެލްސޮން ކޮޗް، ކިއާން އޮ ގްރެޑީ އަދި ބިމްސާރާ ޕްރެމަރަޓްނާ އެވެ. މީގެ ކުރިން ވެސް ޖެކްލިން ވަނީ ހޮލީވުޑްގެ ބިރުވެރި ފިލްމު "ޑިފިނިޝަން އޮފް ފިއާ" ގައި އޭނާގެ މޮޅު އެކްޓިން ދައްކާފައެވެ.

ކުރިޔަށް ވެސް ރިލީޒްވާން ޖެކްލިންގެ ފިލްމުތަކެއް އެބަ ހުއްޓެވެ. އެއީ ސުޝާންތު ސިންގް ރާޖުޕޫތާ އެކު ކުޅޭ "ޑްރައިވް" އާއި ކާތިކު އާރިޔަންއާ އެކު ކުޅޭ ކަންނާޑާ ފިލްމު "ކިރިކް ޕާޓީ" ގެ ހިންދީ ރިމޭކިން އެވެ. އެންމެ ފަހުން ޖެކްލިން ފެނުނީ ޖޫން މަހު ރިލީޒް ކުރި "ރޭސް 3" އިންނެވެ.