16 Oct 2018, 22:05
ޖަކާޓާ (އޮކްޓޯބަރ 16) : އޮސްޓްރޭލިޔާއިން އދ. ގެ ގަރާރުތަކާ ޚިލާފުވެ ސަރަހައްދުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އިންޑޮނީޝިޔާއިން ތުހުމަތުކޮށްފިއެވެ.
އިންޑޮނީޝިޔާގެ ޚާރިޖީ ވަޒީޜާ ރިޓްރޯ މަރްސޫދީ އޮސްޓްރޭލިޔާގެ މައްޗަށް މިތުހުމަތުތައް ކުރެއްވީ އިސްރާއީލު ވެރިވެގެންފައިވާ ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ނިންމާފައިވާ ޣައިރު ގާނޫނީ ނިންމުން ގަބޫލުކޮށް އޮސްޓްރޭލިޔާގެ އެންބަސީ ގުދްސަށް ބަދަލުކުރުމާމެދު ވިސްނަމުންދާކަމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވުމާ ގުޅިގެންނެވެ. އިންޑޮނީޝިޔާއަށް ވަޑައިގެން އުޅުއްވާ ފަލަސްތީނުގެ ޚާރިޖީވަޒީރު ރިޔާޒް އަލްމާލިކީއާ ޖަކާޓާގައި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެންސްގައި މަރްސޫދީ ވިދާޅުވީ އިސްރާއީލު ނިގުޅައިގެންފައިވާ ފަލަސްތީނުގެ ހައްގުތަކަށް ބަލާނުލައި އޮސްޓްރޭލިޔާ ގެންގުޅޭ ސިޔާސަތަކީ ސަރަހައްދު ހަމަނުޖެހުމަކަށް ވައްޓާލުމަށް މަގުފަހިވާނެ ސިޔާސަތެއްކަމުގައެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން މަރްސޫދީ ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ފަލަސްތީނުގެ ރައްޔިތުން ހައްގަކާނުލައި މަރަމުން ގެންދާ ފަރާތްތަކަށް ތާއީދު ނުކުރުމަށް އޮސްޓްރޭލިޔާގެ ސަރުކާރަށް ގޮވާލައްވާފައެވެ. މި ނޫސް ކޮންފަރެންސްގައި ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލްމާލިކީ ވަނީ އޮސްޓްރޭލިޔާއިން ބައިނަލްއަގްވާމީ ގާނޫނާ ޚިލާފުވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ގުދްސުގެ އިރުމަތީ ފަޅިއަކީ 1967 ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ރަށެކެވެ. ފަލަސްތީނުން އިރުމަތީ ގުދްސު ބޭނުންވަނީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމަށް ހެދުމަށެވެ. އިސްރާއީލުވަނީ އދ. ގެ ގަރާރުތަކަށް ގޮންޖެހުމަށްފަހު އިރުމަތީ ގުދްސު ހިމެނޭގޮތަށް މުޅި ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ޣައިރު ގާނޫނީ ގޮތެއްގައި ނިންމާފައެވެ. މި ޣައިރު ގާނޫނީ ނިންމު ގަބޫލުކޮށް ގުދްސަށް އެންބަސީ ބަދަލުކުރި ދުނިޔޭގެ ހަމައެކަނި ދެ ގައުމަކީ އެމެރިކާއާއި އެމެރިކާގެ ނުފޫޒު ހިނގާ ކުޑަ ގައުމެއް ކަމަށްވާ ގުއެޓެމާލާއެވެ. ޕެރަގުއޭ އިންވަނީ ގުދްސަށް އެގައުމުގެ އެންބަސީ ބަދަލުކުރުމަށްފަހު އެއީ ގޯހެއް ކަމަށް ވިސްނިގެން އަލުން އަނބުރައި އިސްރާއީލުގެ ޓެލްއަވީވް އަށް އެންބަސީ ގެންގޮސްފައެވެ.
ޓެލްއަވީވްގައި ހުންނަ އޮސްޓްރޭލިޔާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކެބިނެޓާ މަޝްވަރާ ކުރާނެ ކަމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ހޯމަދުވަހު ވިދާޅުވުމާ ގުޅިގެން އެތަށް ގައުމެއްގެ ފާޑުކިޔުމާއި ނުރުހުންވަނީ އޮސްޓްރޭލިޔާއަށް އަމާޒުވެފައެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަމަށް ހިއްވަރުދޭ ކަމުގެ ތުހުމަތުވެސް ވަނީ އޮސްޓްރޭލިޔާގެ މިހާރުގެ ސަރުކާރުގެ މައްޗަށް ކުރެވިފައެވެ.
އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ގަބޫލުކުރުމާމެދު އޮސްޓްރޭލިޔާ ވިސްނަމުންދާކަން މޮރިސަން އަންގަވާފައިވާ ކަމަށް ވިދާޅުވެ އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު މެލްކޮމް ޓާންބުލް ވަނީ އޮސްޓްރޭލިޔާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމަށް ދެކޮޅު ހައްދަވައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ތާއީދު ކުރައްވާކަން އިއްލާން ކުރައްވާފައެވެ. (ރޮއިޓާސް)