16 Oct 2018, 22:07
އަންކާރާ (އޮކްޓޯބަރު 16): ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓަށް ދިޔަ ފަހުން ގެއްލުނު ނޫސްވެރިޔާގެ މައްސަލަ ތަހުގީގު ކުރަން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަމުރު ކުރައްވައިފި އެވެ.
ސައުދީ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން ސަލްމާން ރަސްގެފާނު ވަނީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ ގެއްލުނު މައްސަލައިގެ ތަހުގީގެއް ކުރިއަށްގެންދިޔުމަށް އެގައުމުގެ ޕަބްލިކް ޕްރޮސިކިއުޓަރަށް އަމުރު ކުރައްވާފަ އެވެ. އަދި ތުރުކީގައި އެމައްސަލަ ތަހުގީގު ކުރަމުންދާ ޓީމާ ގުޅިގެން މަސައްކަތް ކުރުމަށް އަންގަވާފަ އެވެ.
އެމެރިކާގައި އަމިއްލައަށް އަރުވާލެވިގެން ދިރިއުޅޭ ޚަޝޯގީ ގެއްލިފައި ވަނީ ތުރުކީ އަންހެނަކާ ކައިވެނި ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށް، މިމަހުގެ ދޭއްގައި ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ.
ތުރުކީގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި ސައުދީން ވަނީ ކޮންސިއުލޭޓު ތެރޭގައި ޚަޝޯގީ މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑު އެހެން ތަނަކަށް ގެންގޮސްފަ އެވެ. ނަމަވެސް ސައުދީން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.
އަދި މިދިޔަ އާދިއްތަ ދުވަހު ސަލްމާން ރަސްގެފާނު ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ފޯނުން ވާހަކަދައްކަވައި، ގެއްލުނު ނޫސްވެރިޔާގެ މައްސަލަ ތަހުގީގު ކުރުމަށް ދެ ގައުމުން ގުޅިގެން ޓީމެއް އެކުލަވާލުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފަ އެވެ.
އެހެންކަމުން ތުރުކީގައި ޚަޝޯގީ ގެއްލުނު މައްސަލަ ތަހުގީގު ކުރަމުން ދަނީ ދެ ގައުމުގެ އޮފިޝަލުން ހިމެނޭ ޓީމަކުންނެވެ.