16 Oct 2018, 18:02
ނިމިގެންދިޔަ ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވި ކޯލިޝަން ކެންޑިޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރާއްޖޭގެ ޒުވާން ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އިބޫގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ނާއިބް ރައީސްގެ މަގާމަށް އިންތިހާބްވެވަޑައިގެންނެވި ފައިސަލް ނަސީމްވެސް ބައިވެރިވެލެއްވިއެވެ.
އެ ބައްދަލުވުމުގައި އިބޫ ވަނީ ރާއްޖޭގެ ބޮޑެތި ކޮންފުނިތައް ހިންގަމުންގެންދާ ޒުވާން ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފައެވެ. އޭގެ ތެރޭގައި ވިލާ ކުންފުނީގެ ވެރިޔާ އަދި ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމާއި ނަލަހިޔާ ކުންފުނީގެ ވެރިޔާގެ ދަރިކަލުންގެ އިތުރުން ރެއިންބޯ އާއި ދަމާސް ކުންފުނީގެ އިސް މަގާމުތަކުގައި ތިއްބެވި ޒުވާނުން ހިމެނިވަޑައިގެންނެވިއެވެ،
އެ ބައްދަލުވުމުގެ ތަފްސީލް އިދިކޮޅު އެމްޑީޕީން ހާމައެއް ނުކުރެއެވެ.
President Elect H.E.@ibusolihadhi VP Elect H.E.@FaisalNasym, Zuvaan Viyafaariverin’aai badhdhalu kuravvaifi.pic.twitter.com/NwBTlctrHU
— MDP Secretariat (@MDPSecretariat)October 15, 2018
އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިބުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ ވާދަކުރައްވައި އިބޫ ކާމިޔާބު ކުރެއްވީ ބޮޑު އަގުލަބިއްޔަތަކުންނެވެ. އިންތިހާބުގައި އިބޫއަށް 58.4 ޕަސެންޓް ލިބިވަޑައިގެންނެވިއިރު ރައީސް ޔާމީން އަށް ލިބިވަޑައިގެންނެވީ 41.6 ޕަސެންޓެެވެ.
ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު އިބޫ ގެންދަވަނީ އެކި ކުންފުނިތަކާއި ސަރުކާރުގެ މުވައްސަސާތަކާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން އެމްއެމްއޭއާއި، ކަސްޓަމްސްގެ އިތުރުން ދިރާގުގެ މުވައްޒަފުންނާވެސް އިބޫ ވަނީ ބައްދަލުކުރައްވައިފައެވެ.