16 Oct 2018, 15:42
ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާ އަދި ކުދިންގެ އަބުރު ކަތިލަން ކުރާ މަސައްކަތް ހުއްޓާލަން ޕީޕީއެމުން ގޮވާލައިފި އެވެ.
ޕީޕީއެމްގެ ބައެއް އިސް ފަރާތްތަކުގެ އާއިލާއަށް ފުރައްސާރަކޮށް ސޯޝިއަލް މީޑީއާގައި ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.
އެކަމާ ގުޅިގެން ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ އަމަލުތައް އެ ޕާޓީން ހަރު އަޑުން ކުށްވެރި ކުރާ ކަމަށެވެ. އަދި ސިޔާސީ ގޮތުން ރާއްޖޭގައި ގިނަ ކަންތައްތަކެއް ހިނގަމުންދާ މި ދަނޑިވަޅުގައި ސިޔާސީ ހަރަކާތްތެރިން ބަލިކަށި ކޮށްލަން ކުރާ މަސައްކަތް ހުއްޓާލަން ޕީޕީއެމުން ވަނީ ގޮވާލައިފަ އެވެ.
"މިފަދަ ނާތަހުޒީބު އަމަލުތަކުން އެއްކިބާވެ ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ސިޔާސީ ހަރަކާތްތެރިންނަށް ވެސް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރަން ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަން،" ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖެއަކީ އަވައްޓެރި ގައުމުތަކާ އަޅާ ބަލާއިރު ތައުލީމީ ބަޔަކު ދިރިއުޅެމުންދާ ތަނެއް ކަމަށާއި އެފަދަ ނާތަހުޒީބު އަމަލުތަކަކީ ތަހުޒީބީ މުޖުތަމައެއްގައި ދިރިއުޅޭ ބަޔަކު ބަލައި ގަންނާނޭ ކަމެއް ނޫން ކަމަށް ޕީޕީއެމުން ބުންޏެވެ.