22 Sep 2011, 18:02
ނ. މިލަދޫގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގައި ހުރި ބައެއް މާއްދާތަށް އިސްލާހު ކުރަން ގޮވާލައި، ބަޔަކު އަޑުއުފުލައިފި އެވެ.
މިއަދު ހަވީރު 4:00 ޖެހިއިރު މިލަދޫ ބަނދަރު ސަރަހައްދުން ފެށި މުޒާހަރާގައި އެރަށުގެ ކައުންސިލަރުން ގިނަ ރައްޔިތުން ތަކެއް ބައިވެރިވެފައިވާ ކަމަށް މުޒާހަރާގައި ބައިވެރިވި މީހަކު ބުންޏެވެ.
އޭނާ ބުނީ އެރަށުގެ ރައްޔިތުންގެ ތެރެއިން 250 އެއްހާ މީހުން ނުކުމެ މުޒާހަރާ ކޮށްފައި ވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގައި ކީރީތި ޤުރުއާނާއި ގާނޫނު އަސާސީ އާ ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"މިއީ ދީނަށްޓަކައި ކުރާ ކަމެއް. މި ގަވާއިދުގެ ބައެއް މާއްދާތަކާ އަޅުގަނޑުމެން ދެކޮޅު މި ހަދަނީ. އެ ކަންތައްތައް އިސްލާހު ކުރުމަށް މި ގޮވާލަނީ،" މިލަދޫގައި ކުރާ މުޒާހަރާގައި ބައިވެރިވާ މީހަކު ބުންޏެވެ.
އޭނާ ބުނީ މުޒާހަރާ ނިންމާލާފައި ވަނީ 5:30 ގައި ކަމަށާއި އަދި މިކަން ސަރުކާރުގެ ސަމާލުކަމަށް ނާންނަމަ މިއަށްވުރެ މައްޗަށް ވެސް މިކަން ގެންދާނެ ކަމަށެވެ.
ބެނާތަކާ ބޯޑު ތައް ހިފައިގެން މުޒާހަރާ ކުރި މީހުންވަނީ އިސްލާމިކް މިނިސްޓާ ޑރ.އަބުދުލްމަޖީދު އަބުދުލްބާރީގެ އިސްތިއުފާ އަށް ވެސް ގޮވާފަ އެވެ.
މިލަދޫގައި ކުރިއަށްގެންދިޔަ މުޒާހަރާ އިންތިޒާމު ކޮށްފައިވަނީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ މިލަދޫ ގޮފިން ނެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު ބާތިލުކޮށްދިނުމަށް އެދި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އިން މިއަދު ވަނީ ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.