16 Oct 2018, 15:22
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރަން ރައީސް ޔާމީން ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ އެއްވެސް ހެއްކަކާ ނުލައި ކަމަށާއި އެމަނިކުފާނު އެ މައްސަލަ ހުށަހެޅުއްވީ އިންތިހާބުން ބަލިވުމުގެ "މޮޅިވެރިކަމާއި، ވޭނާއި އާހުގެ ސަބަބުން" ކަމަށް އެ މައްސަލާގައި އިދިކޮޅު އިއްތިހާދު ތަމްސީލު ކުރައްވާ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.
މިއަދު އިންތިހާބުގެ މައްސަލާގައި އޮތީ އެންމެ ފަހު އަޑުއެހުމުގަ އެވެ. އެ އަޑުއެހުމުގައި މައްސަލަ ހުށަހަޅާ ތިން ފަރާތަށް ވަނީ އެންމެ ފަހު ބަސް ބުނެ ހުލާސާކޮށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވައިފަ އެވެ.
މިއަދު ހުލާސާކޮށް ވާހަކަފުޅު ދައްކަވަމުން އިއްތިހާދުގެ ވަކީލު ހިސާން ވިދާޅުވީ ދުސްތޫރީ މައްސަލަ ހުށަހަޅާފައިވާ އިރު އެ މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެކަށީގެންވާ ވަރަށް ހެކި ނެތުމުން މައްސަލަ ހުށަހެޅި ފަރާތުން ދަނީ ހެކި ހުށަހެޅުމުގެ މައްސޫލިއްޔަތު ފުރޮޅާލަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ހިސާން ވިދާޅުވީ އެކަަށީގެންވާ ވަރަށް ހެކި ނެތް އިރު ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުގެ ފަހަތުގައި ވަނީ، ރިޔާސީ އިންތިހާބުން ބަލިވުމުގެ ސަބަބުން ކުރިމަތިވި، މޮޅިވެރިކަމާއި ވޭނާއި އާހް ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފް އާއި ފުލުހުން މެދުވެރިކޮށް އިންތިހާބުގެ ކަންކަން ދިޔަ ގޮތް ތަހުގީގު ކުރުމަށް ބޭއްވި މައްސަލާގައި އެދިފައިވުމުން އެކަމަށް ވެސް ހިސާން ފާޑު ވިދާޅުވި އެވެ. އޭނާ ފާހަގަ ކުރެއްވީ އެމްއެންޑީއެފް އިން އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާ އިރު އެކަމަށް އެދުނީ ކޮން އަސާސެއްގެ ދަށުން ދައްކާފައިނުވާ ކަމަށެވެ. މީގެ އިތުރުން އެފަދަ މައްސަލަތައް ތަހުގީގު ކުރުމަކީ ފުލުހުންގެ މުއްސަސާއިން ކުރާ ކަމެއް ކަމަށާއި ތަހުގީގު ކުރުމަކީ އެމްއެންޑީއެފްގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ހިސާން ވަނީ ރައީސްގެ ފަރާތުން ގާނޫނީ އަސާސްތައް ނުދައްކާ ކަމަށް ބުނެ އިތުރަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން އިންތިހާބުގެ ކަންކަން ދިޔަ ގޮތް ތަހުގީގު ކުރަން އެދިފައިވާ އިރު އެކަން ކުރަން އެދުނީ ކޮން އަސާސެއްގެ ދަށުންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އަދި އެމް7 އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށް ބުނެފައި ވުމުން ރައްދުގައި، އެފަދަ މަސައްކަތް ހަވާލު ކުރި އިރު ކުންފުނި ވަކި ކޮޅަކަށް ޖެހޭނެތޯ ނޫންތޯ ބަލަނީ ކޮން އަސާސެއްގެ ދަށުންތޯ ސުވާލު އުފެއްދެވި އެވެ.
ހިސާން ވަނީ ކުންފުނިތަކަކީ ވަކި ގާނޫނީ ޝަހްސުތައް ކަން ފާހަގަ ކުރައްވައިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަކީލު ހުސެއިން ޝަމީމް ވެސް ވިދާޅުވީ ރައީސްގެ ފަރާތްޕުޅުން އެއްވެސް ވަރެއްގެ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މުޅި މައްސަލާގައި ދެކެވެނީ އިހްތިމާލުތަކެއްގެ ވާހަކަ ކަމަށާއި އިހްތިމާލަކުން ހަގީގަތް ނަފީ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސްގެ ފަރާތުން ވެއްދި މައްސަލައަކީ ޖިނާއީ މައްސަލައެއް ނޫން ކަމަަށް އެ ފަރާތުން ވަކާލާތު ކުރާ އިރު، އެ ވާހަކަ ވެސް ރައީސްގެ ވަކީލުން ދައްކަަވަނީ އެކި ފަހަރު އެކި ގޮތްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމްޕްލެއިންޓްސް ބުއުރޯގެ މަސައްކަތް ހުއްޓާލި ވާހަކަ މިއަދު ވެސް ދޮގު ކުރައްވައި ޝަމީމް ވާހަކަ ދެއްކެވި އިރު މިއަދު އޭނާ ވިދާޅުވީ އެ ބިއުރޯ ހުއްޓާލި ނަމަވެސް، އެފަދަ ހާލަތެއްގައި ވެސް ރައްޔިތުން އިންތިހާބާ ބެހޭ މައްސަލަ ހުށަހެޅޭނެ އެހެން ގޮތްތަކެއް އީސީ އިން އިންތިޒާމުކޮށްފައިވާ ކަމަށެވެ. އެއީ ރަށްރަށުގެ ފޯކަލް ޕޮއިންޓުންނާއި ވޯޓު ފޮށީގެ ވެރިންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް ޝަކުވާ ހުށަހެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފުރުސަތު އޮތް ނަމަވެސް ރައީސްގެ މައްސަލައިގައި ފާހަގަ ކުރާ ފަދަ ކަންކަމުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަން އޭނާ ފާހަަގަ ކުރެއްވި އެވެ.
މިއަދު ވެސް ޝަމީމް ވަނީ ރައީސްގެ ފަރާތްޕުޅުން ވެއްދި މައްސަލާގައި ހިމެނޭ ކަންތައްތަކާ މެދު ވަކި ވަކިން ވާހަކަ ދައްކަވައި ރައްދު ދެއްވައިފަ އެވެ. އަދި އޭނާ ކުރިން ވެސް އަޑުއެހުންތަކުގައި ދިފާއުގައި ދެއްކެވި އެވެ.
އިންތިހާބާ ބެހޭ ދުސްތޫރީ މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. މިއަދުގެ އަޑުއެހުންތައް ނިންމާލި ނަމަވެސް ހުކުމް ކުރާ ދުވަހެއް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅެއް ނުވެ އެވެ.