17 Oct 2018, 08:57
ސްޓާޕްލަސް އިން 2001 ވަނަ އަހަރު ދައްކަން ފެށި "ކަސޯޓީ"ގެ ދެވަނަ ބައި "ކަސޯޓީ 2" ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އަނެއްކާވެސް އެ ޗެނަލުން ދައްކަން ފަށާފައެވެ. ކުރީގެ ސިލްސިލާއަށް ލިބުނު ތަރުހީބާ އެއްވަރަށް މިފަހަރުގެ ސިލްސިލާއަށް ވެސް ތަރުހީބު އަންނަނީ ލިބެމުންނެވެ. "ކަސޯޓީ" ފެށެން ވާއިރަށް މަސައްކަތް ނިންމައި އެ ސިލްސިލާއަށް ވަގުތު ހުސްކުރާ މީހުން މަދެއް ނޫނެވެ.
މިފަހަރުގެ ސިލްސިލާއިން ޕްރޭނާގެ ރޯލުން ފެންނަނީ އެރިކާ ފެނަންޑޭޒްއެވެ. އަދި އޭނާގެ ލޯބިވެރިޔާ އަނޫރާގުގެ ރޯލު ކުޅެނީ ޕާތު ސަމްތާންއެވެ. މިދެތަރިންނަކީ ވެސް މީގެ ކުރިން ޑްރާމާ ސީރީޒްތަކުން ފެނިގެންގޮސްފައިވާ މޫނުތަކެވެ.

"ކަސޯޓީ" ގެ ކުރީގެ ތަރިންނާ މިފަހަރުގެ ސީޒަންގައި ފެނިގެންދާނެ ކަމަށް ބުނާ ތަރިން...
"ކަސޯޓީ 2" ފެށިގެން 15 ވަރަކަށް އެޕިސޯޑު މިހާރު ދައްކާފައިވާއިރު ދެން އޮތީ ލޯބީގެ ކަންތައްގަނޑު ފެށޭ ހިސާބެވެ. އަނޫރާގާއި ޕްރޭނާގެ އެކުވެރިކަން ދެން ބަދަލު ވާނީ ލޯތްބަށެވެ. އެދެމީހުންގެ ލޯބީގެ މެދަށް ބިންދާލާ ބޮޑު ރާޅަށް ވާނީ ކޮމަލިކާއެވެ. އެއީވާ އަންހެނެކެވެ.
މިފަހަރުގެ ސީރީޒުން ކޮމަލިކާގެ ރޯލުން ފެންނާނީ "ޔޭ ރިސްތާ ކިޔާކެހެލާތާހޭ"ގައި އަކްޝަރާގެ ރޯލު ކުޅުނު ހީނާ ހާނެވެ. މިހާރު މިވަނީ ކޮމަލިކާ އަންނަން އުޅޭކަން އަންގައި "ކަސޯޓީ"ގެ އެހެން ޓްރެއިލާ އެއް ވެސް އާންމުކޮށްފައެވެ.
ޓްރެއިލާ ފެށޭ އިރު އެ އަންނަ ރާގު ކޮޅާ، "ނިކާ" އޭ ކިޔާ ތަންކޮޅުގެ އަޑު ޖެހުމުން ވެސް ސިލްސިލާ އެކެއްގައި ދެއްކި ކޮމަލިކާގެ ނުބައިކަން ހިތަށް އަރައެވެ. ސިލްސިލާ ދޭއްގައި ފެންނަ ކޮމަލިކާ ވެސް އެހާ ނުބައި ވާނެ ކަން ކަށަވަރެވެ.
ޓްރެއިލާއިން ދައްކުވައިދެނީ ނުލާހިކު ގަދަޔަށް ނަލަ ހެދިލައިގެން އައިސް ކާރެއްގެ ތެރެއިން ކަމޮލިކާ ފަބާ މަންޒަރެވެ. އެއާއެކު ހުރިހާ ފިރިހެނުންގެ ލޯތަށް ހުއްޓެނީ ބާރު މިނުގައި ހިނގާފައިދާ ކޮމަލިކާ އަށެވެ. އަނޫރާގުގެ ފުރަތަމަ ފެނިލުން ވެސް ކޮމަލިކާއަށް ކަމުދިޔަ ކަން އިނގެނީ އޭނާ އަނޫރާގަށް ބަލާލި ގޮތުންނެވެ. އަދި އަނޫރާގެ ކައިރިގައި ޕްރޭނާ ހުރުމުން އެދެމީހުންގެ ދޭތެރެ ޖައްސަން ކޮމަލިކާ ވަންނާނެ ކަން ވެސް ޔަގީންވެއެވެ.
"ކަސޯޓީ 2" ގައި ކޮމަލިކާ ދައްކާ ޓްރެއިލާ....
މި ސިލްސިލާގައި ކޮމަލިކާގެ ރޯލު ކުޅޭ ހީނާ އެ ދައްކުވައިދޭ އެކްޓިން އަށް މިހާރުވެސް ދަނީ ތައުރީފް ކުރަމުންނެވެ. ހީނާއަށް އެ ރޯލް އެންމެ ފުރިހަމަ އަށް ދައްކުވައިދެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ދެން ފެށޭނީ ސީރީޒްގެ އެންމެ ފޯރިގަދަ ހިސާބެވެ. އަނޫރާގާއި ޕްރޭނާގެ ލޯބީގައި ގަޑުބަޑު ހަދަން ކޮމަލިކާ އަންނަ ހިސާބު އެއީ ވަރަށް ވެސް ޝައުގުވެރިވާނެ ހިސާބަކަށް ވާނެއެވެ. އޭނަގެ ނުލަފާކަން ދެން ގިނަ އެޕިސޯޑުތަކުގައި ދައްކާނެއެވެ. ދެން އޮތް ސުވަލަކީ ބަޖާޖް އަންނާނީ ކޮން އިރަކުންބާވައެވެ؟ އެ ރޯލު ކުޅޭނީ ކާކު ބާވައެވެ؟