ކޭންބެރާ (އޮކްޓޯބަރު 16): އިސްރާއީލުގެ ތެލްއަވީވްގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީ ގުދުސަށް ބަދަލު ކޮށްފާނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޮރިސަން ވަނީ، ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށާއި އޮސްޓްރޭލިއާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމަކީ އޭނާ ދެކޮޅު ހައްދަވާ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އަދި ދެ ދައުލަތް އުފައްދައިގެން އިސްރާއިލާއި ފަލަސްތީނުގެ މައްސަލަ ހައްލު ކުރަން އޮސްޓްރޭލިއާއިން ތާއިދު ކުރި ނަމަވެސް، އެކަމަށް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ދެ ދައުލަތް އުފައްދަން ތާއިދު ކުރަން. ނަމަވެސް އެކަމަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވޭ. އަބަދު އެއްގޮތަކަށް އަމަލުކުރުމަށް ފަހު ތަފާތު ނަތީޖާއެއް ލިބޭނެ ކަމަށް ހީކޮށްގެން ނުވާނެ،" މޮރިސަން ވިދާޅުވި އެވެ.

މޮރިސަން އެފަދައިން ވިދާޅުވެފައި ވަނީ، ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަނެ، މިދިޔަ މެއި މަހު އެގައުމުގެ އެމްބަސީ ގުދުސަށް ބަދަލު ކުރި ފަހުންނެވެ. (އަލްޖަޒީރާ)