16 Oct 2018, 12:45
އަންކާރާ(އޮކްޓޯބަރު 16): ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓަށް ދިޔަ ފަހުން ސައުދީ ނޫސްވެރިޔަކު ގެއްލުނު މައްސަލައިގައި ތުރުކީ ފުލުހުން އެކޮންސިއުލޭޓު ބަލާ ފާސްކޮށްފި އެވެ.
މިމަހުގެ ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން ޖަމާލް ޚަޝޯގީ ގެއްލިފައި ވާތީ، ތުރުކީގެ އޮފިޝަލުން ވަނީ އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ސައުދީން ވަނީ އެތުހުމަތުތައް ދޮގުކޮށް، ކޮންސިއުލޭޓު ފާސް ކުރުމަށް ތުރުކީއަށް ހުއްދަ ދީފަ އެވެ.
އެހެންކަމުން ތުރުކީން ވަނީ ރޭ ނުވަ ގަޑިއިރުވަންދެން ކޮންސިއުލޭޓު ފާސްކޮށް، ސާމްޕަލްތަކެއް ގެންގޮސްފައި ކަމަށް އޭއެފްޕީން ބުންޏެވެ.
ތުރުކީގެ އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން ތުރުކީގެ އޮފިޝަލުންނަށް ވަނީ ޚަޝޯގީ މަރާލާފައިވާ ކަމަށް ބާރުދޭ ހެކި ފެނިފަ އެވެ. އަދި ހެކި ނައްތާލަން މަސައްކަތް ކުރި ކަމުގެ ހެކިވެސް ފެނިފަ އެވެ.
ތުރުކީގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި ސައުދީ އޭޖެންޓުން ވަނީ ކޮންސިއުލޭޓު ތެރޭގައި ޚަޝޯގީ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ކޮންސިއުލޭޓުން ބޭރަށް ގެންގޮސްފަ އެވެ. އަދި އެކަމުގައި ބައިވެރިވީ ޚަޝޯގީ ގެއްލުނު ދުވަހު ތުރުކީއަށް ދިޔަ، ސައުދީ ސަރުކާރާ ގުޅުން ހުރި 15 މީހެކެވެ.
މީގެ އިތުރުން، އެމެރިކާގެ މީޑިއާތަކުން ވަނީ، ޚަޝޯގީ ކޮންސިއުލޭޓު ތެރޭގައި މަރުވެފައިވާކަން އެއްބަސްވާން ސައުދީން ތައްޔާރުވަމުންދާ ކަމަށް ބުނެފަ އެވެ. ސީއެންއެންގައިވާ ގޮތުން އެމައްސަލައާ ބެހޭ ގޮތުން ސައުދީން ރިޕޯޓެއް ނެރޭނެ އެވެ.