16 Oct 2018, 12:33
ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލު ކުރުމަށް ސުޕްރީމު ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ސިއްރު ތިން ހެކިންގެ ހެކިބަސް ނުނަގަން ނިންމައިފި އެވެ.
ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގަ އެވެ. އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. ނަމަވެސް ހުކުމް އިއްވާ ޝަރީއަތުގެ މަޖީލީސް އޮންނާނެ ދުވަހެއް އަދި ވަގުތެއް އުއްތަމަ ފަނޑިޔާރު ވިދާޅެއްނުވެ އެވެ.
މިއަދު އަޑުއެހުން ފެށުމަށް ފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ސިއްރު ތިން ހެކިންގެ ހެކިބަސް ނުނެގުމަށް ފަސް ފަނޑިޔާރުން ނިންމާފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ސިއްރު ތިން ހެކިންނަކީ އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އެކަމެއްގެ މައްޗަށް މައްސަލަ ބިނާކޮށްފައިވާ ލިޔެވޭ އަނގޮޓި އަދި ދެލި ފޮހެވޭ ގަލަން ބޭނުން ކުރިކަން ސާބިތު ކުރަން ހުށަހެޅި ތިން ސިއްރު ހެއްކެވެ.
މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ މައްސަލާގައި ހިމެނޭ ތިން ފަރާތުން ހުލާސާ ގޮތެއްގައި ވާހަކަ ދެއްކުމެވެ. މިއަދު އެންމެ ފުރަތަމަ ހުލާސާ ގޮތެއްގައި ވާހަކަ ދެއްކެވީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ވަކީލު އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފު އެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލާގައި ފާހަގަ ކޮށްފައިވާ ކަންތައްތައް މިއަދު ވެސް ފާހަގަ ކުރައްވައިފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލައަކީ ޖިނާއީ މައްސަލައެއް ކަމަށާއި އެ މައްސަލަ ހުށަހަޅާފައި ވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެފައި ވާތީ އެކަމަށް ރައްދު ދެއްވަމުން އައްބާސް ޝަރީފު ވިދާޅުވީ އެ މައްސަލައަކީ ޖިނާއީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ ކަން ކުރަންވާ "ޕްރޮސެސް"އާ ހިލާފުވުމުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު އައްބާސް ޝަރީފު އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކޮމްޕްލެންއިންޓްސް ބިއުރޯގެ މަސައްކަތް ހުއްޓާލި ކަމަށާއި، ސަބަބަކީ އެފަދަ މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭނެ ހެއްކެއް އުފެދުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. އަދި އެއީ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އަދި އިންތިހާބާ ބެހޭ ގާނޫނުގެ ދަށުން އިންތިހާބު ބާތިލު ކުރެވޭނީ ނަތީޖާއަށް އަސަރު ކުރާ ފަދަ ކަމެއް ހިނގައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ އިރު އައްބާސް ޝަރީފު ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ އިންތިހާބާ ބެހޭ ގާނޫނުގެ ދަށުން އިންތިހާބު ބާތިލު ކުރުމަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ އިންތިހާބު ރިގް ކުރެވޭ ގޮތަކަށް ކަންތައް ކޮށްފައި އޮތުމުން، މައްސަލަ ދުސްތޫރުގެ ދަށުން ބާތިލު ކުރުމަށް ކަމަށެވެ.
އައްބާސް ޝަރީފު ވިދާޅުވީ މައްސަލައެއް ހުށަހެޅުމުގެ ހައްގު ރައީސް ޔާމީން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި ނަމަވެސް އެ ހައްގު ދޫކުރުން އެމަނިކުފާނު އަނބުރާ ގެންދަވާފައިވާ ކަމުގެ ހެކި މީގެ ކުރިން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ކުރިން އިންތިހާބު ސައްހަ ނޫން ކަމަށް އިދިކޮޅުން ބުނަމަށް ފަހު މިހާރު ސައްހަ ކަމަށް ބުނުމުގެ ހައްގު އިދިކޮޅަށްވާ ނަމަ ފަހުން ދެއްކެވި ވާހަކަ ބަދަލު ކުރުމުގެ ހައްގު ރައީސް އަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެފަދަ މައްސަލައެއް ތަހުގީގު ނުކޮށް ދޫކޮށްލުމަކީ ދިވެހި އެންމެހާ ރައްޔިތުންގެ ހައްގަކަށް އުނިކަން އައިސްފައިވާކަން ކަށަވަރު ނުކޮށް ދޫކޮށްލުމަށް ވެގެންދާނެ ކަމަށެވެ. އަދި އެކަން ތަހުގީގު ނުކޮށް ދޫކޮށްލައިފި ނަމަ އެކަން ތާރީހުގައި ލިޔެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އައްބާސް ޝަރީފު ވިދާޅުވީ ރައީސް ޔާމީން އެ މައްސަލަ ހުށަހެޅުއްވީ ހަމައެކަނި އެމަނިކުފާނުގެ ހައްގެއް ގެއްލިދާނެތީ ނޫން ކަމަށާއި އެ މައްސަލަ ހުށަހެޅީ އެކަމުގައި ރައްޔިތުންގެ މަސްލަހަތު ވެސް ހިމެނޭތީ ކަމަށެވެ.
ކަން ހިނގައި ދިޔަ ގޮތް ނުބަލާ ފަހު ނިންމުން ނުނިންމެވުމަށް އެދިވަޑައިގެން އޭނާ ވަނީ ތަހުގީގު ކުރަން ބޭނުންވާ ކަންކަމުގެ ލިސްޓެއް ވިދާޅުވެފަ އެވެ.
ފޮހެވޭ ދެލި އަދި ލޔެވޭ އަނގޮޓި ބޭނުންކުރިތޯ
- ތަފާތު ކަރުދާހުގެ ވައްތަރެއް ބޭނުންކޮށްގެން ވޯޓު އޮޅުވާލަން މަސައްކަތް ކުރިތޯ
- ވޯޓު ކަރުދާސް ބަންދު ކުރާ އުރަ ހުޅުވާފައިވާތޯ
- ވޯޓު ކަރުދާސް ބެހެއްޓި ކޮޓަރީގެ ސެކިއުރިޓީ ރަނގަޅުތޯ
- ލިސްޓުގައި ނުހިމެނޭ ތިން މީހުން ވޯޓު ކަރުދާސް ބެހެއްޓި ކޮޓަރި ތެރެއަށް ވަދެ ކުރީ ކީއްތޯ
- ވޯޓު ކަރުދާހުގައި ސެކިއުރިޓީ ފީޗާ ހަމަތޯ
- އެއްވެސް ކަރުދާހެއްގައި ދެފަހަރު ފާހަގަ ޖަހާފައިވާތޯ
- ދެފަހަގަ ފާހަގަ ޖަހާފައިވާ ނަމަ ދެ ވައްތަރުގެ ދެލިން ފާހަގަ ޖެހިތޯ
- އެއްވެސް ފާހަގައެއް ނެތް ކަރުދާސް ހުރިތޯ
- ކަރުދާސް ޗާޕު ކުރަން ހުޅުވާލި ބިޑް ދިޔަ ގޮތް ތަހުގީގު ކުރުން
- ވޯޓު ކަރުދާސް ޗާޕް ކުރުމާ މެދު އެމް7ގެ ބޯޑުން ސީދާ ނިންމުމެއް ނިންމާފައިވޭތޯ
- ވޯޓު ކަރުދާހުގައި ފޮހޭ ރަބަރު ބޭނުންކޮށްފައި ވޭތޯ
- އެއްވެސް ރީރެޖިސްޓްރީ ފޯމެއް ބަލައިނުގަނެ ޝްރެޑް ކޮށްފައިވޭތޯ
އައްބާސް ޝަރީފު އެދިވަޑައިގެންނެވީ މި ކަންތައްތައް އެމްއެންޑީއެފް އާއި ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް އަމުރު ކުރެއްވުމަށެވެ.
އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރައްވާ ވަކީލު ހުސެއިން ޝަމީމް މައިގަނޑު ގޮތެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލަ ބިނާކޮށްފައި ވަނީ އިހުތިމާލުތަކެއްގެ މައްޗަށް ކަމަށެވެ. އަދި ހަގީގަތް ނަފީ ކުރުމަށް އިހުތިމާލުތަކެއް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދު ތަމްސީލު ކުރައްވާ ވަކީލު ހިސާން ހުސެއިން މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ވަކާލާތު ކުރައްވާ ފަރާތްތަކުން ބާޑަން އޮފް ޕްރޫފް ފުރޮޅާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅި އިރު މައްސަލައާ އެކު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު އިއްތިހާދުގެ ފަރާތުން އެދިފައި ވަނީ އިންތިހާބު ބާތިލު ކުރަން ޖެހޭ އަދި ތަހުގީގު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށެވެ.