ވެރިކަމުގެ ބާރުތައް ބަދަލުކުރަން ހުރަސް އަޅާ ފަރާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ޖެހިލުން ނުވާނެ ކަމަށް ޔޫރަޕިއަން ޕާލިމެންޓުގެ މެމްބަރުން ތޯމަސް ޒެކޯސްކީ ވިދާޅުވެއްޖެ އެވެ.

އިއްޔެ ޒެކޯސްކީ ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސުޕްރީމް ކޯޓު މެދުވެރިކޮށްގެން އިންތިހާބުގެ ނަތީޖާ ބަދަލު ކުރަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

"ސުލްހަވެރިކަމާ އެކު ބާރުތައް ބަދަލުކުރަން ދަތިކުރާ ކޮންމެ ފަރާތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅަން އީޔޫއިން ޖެހިލުން ނުވާނެ،" ޒެކޯސްކީ ވިދާޅުވި އެވެ.

މިދިޔަ މަހުގެ 23ގައި ބޭއްވި ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމުން ރައީސް ޔާމީން ވަނީ ފުރަތަމަ ބަލި ގަބޫލު ކުރައްވައިފަ އެވެ. ނަމަވެސް ފަހުން އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގެ ފަހު އަޑު އެހުން މިއަދު ކޯޓުގައި ދަނީ ހިނގަމުންނެވެ.