ސްޕެއިންގެ ރެއާލް މެޑްރިޑުން މިހާރު ދައްކަމުންދާ ކުޅުމާމެދު އެކުލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ހިތްހަމަ ނުޖެހުން ފާޅު ކޮށްފި އެވެ. މޮރީނިއޯ ޓީމުގެ ކުޅުމާމެދު ހިތްނުޖެހުން ފާޅުކުރީ ރޭސިންގް ސެންޓެންޑާ އާއި ވާދަކޮށް 0-0 ލަނޑުން ރެއާލް މެޑްރިޑް އެއްވަރުވި މެޗަށް ފަހު އެވެ.
ސްޕެނިޝް ސުޕަ ކަޕްގައި ވާދަވެރި ބާސެލޯނާ އަތުން ހަނި ތަފާތަކުން ބަލިވުމަށް ފަހު، މިސީޒަނުގެ ފުރަތަމަ ދެމެޗުން މޮޅު ކުޅުމެއް ދައްކާ ރެއާލް މެޑްރިޑް ވަނީ ދިހަ ގޯލު ވެސް ކާމިޔާބުކޮށްފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި ރެއާލް ޒަރަގޯޒާއާ ވާދަކުރި މެޗުން ހަލަނޑު ކާމިޔާބުކޮށް ގެޓަފޭ އާއި ބައްދަލުކުރި މެޗުގައި ހަތަރު ލަނޑު ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފައިވެ އެވެ.
މި ދެ ކާމިޔާބީއާއި ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ޒަގްރެބްގެ މައްޗަށް ހަނިގޮތަކަށް ހޯދި ކާމިޔާބީއަށް ފަހު، ރެއާލް މެޑްރިޑުގެ ފަރާތުން ކާމިޔާބީއެއް ފެނިފައެއް ނުވެ އެވެ. ސްޕެނިޝް ލަލީގާގައި ލަވެންޓެ އަތުން 1-0 ލަނޑުން ބަލިވެ ރޭސިންގް އަތުން ވެސް މޮޅުވެވިފައެއް ނުވެ އެވެ.
"މޮޅުވުމަށް ނުކުންނަ ޓީމަކަށް އެއްވަރުވުމަކީ ކަންބޮޑުވާންވީ ކަމެއް. ރަށުން ބޭރުގައި ކުޅުނު ދެމެޗުން ފަސް ޕޮއިންޓް ގެއްލުމަކީ ވެސް ކަންބޮޑުވާންވީ ކަމެއް. އެންމެ ފަހުން ކުޅުނު ތިން މެޗުން އަހަރެމެންނަށް ކާމިޔާބު ކުރެވުނީ އެންމެ ގޯލެއް. އަންނަ ހޮނިހިރު ދުވަހު ރަޔޯ ވެލެކާނޯ އާއި ދެކޮޅަށް ކުޅޭ މެޗުގައި އަހަރެމެންގެ ކުޅުމަށް އެނބުރި އައިސް ގޯލުތަކެއް ކާމިޔާބުކުރަން އެބަޖެހޭ." ރޭސިންގް އާއި ދެކޮޅަށް ރެއާލް މެޑްރިޑު ކުޅުނު މެޗުން އެއްވަރުވުމަށް ފަހު ކޯޗު މޮރީނިއޯ ބުންޏެވެ.
މިދިޔަ ސީޒަނުގެ ސްޕެއިން ލީގުގެ އެއްވަނާގައިވާ ބާސެލޯނާ އާއި ދެވަނާގައި އޮތް ރެއާލް މެޑްރިޑުގެ ފަރާތުން ފަހަކަށް އައިސް ފެނިގެންދަނީ އެދެވޭ ނަތީޖާއެއް ނޫނެވެ. ރެއާލް އަތުން މިސީޒަނުގައި ފަސް ޕޮއިންޓް ގެއްލިފައިވާއިރު، ބާސާ އަތުން ވަނީ ހަތަރު ޕޮއިންޓް ގެއްލިފަ އެވެ.