22 Sep 2011, 17:46
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޏ. ފުވައްމުލަކުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުވައްމުލަކު މަސްމާރުކޭޓް ސަރަހައްދުގައި އިއްޔެ ރޭ 8:15 އެހާކަންހާއިރު ތިން މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން ޗެކްކުރި ކުރުމުން އެތަނުން އެކަކު އެއްލާލި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 51 ރަބަރު ހޮޅި ކޮޅު ފެނިފައިވާ ކަމަށެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޏ.ފުވައްމުލަކު ހޯދަނޑު. ޖޭމުމާގެ، ހަސަން ޒަރީރު،30، އާއި ޏ.ފުވައްމުލަކުހޯދަޑު، އައްސޭރިމަންޒިލް، އަލީ އަހުމަދު،34، އާއި ފުނާޑު، މިދިލިމާގެ، އަހްމަދު ހަސަން،34 އެވެ.
"މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުވައްމުލަކު ރަށުތެރޭ ޕެޓްރޯލުކުރަމުން ދަނިކޮށް ފުވައްމުލަކު މަސްމާރުކޭޓް ކައިރީ ތިއްބައެވެ. މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ޕެކެޓްތައް ފެނިފައިވަނީ އެ ތިން މީހުންގެ ތެރެއިން އެކެއްގެ އަނގައިން ވައްޓާލި ކޮތަޅު ކޮޅެއްގެ ތެރެއިންނެވެ،" ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
މިމައްސަލަ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.