16 Oct 2018, 09:07
އިންތިހާބަށް ފަހު އަދި ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފުގެ އަމަލުތައް ހުރިގޮތުން އިންތިހާބުގައި ވޯޓު އޮޅުވާލިކަން ޔަގީންވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިންތިހާބު އޮޅުވާލި ކަމަށް ބުނެ ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ބެހޭ ގޮތުން ޗެނަލް 13ގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ބޭއްވީ އިޖުރާއަތުތައް ފުރިހަމަ ނޫން ކަމަށް އެންގި ހިސާބުން ވެސް ވޯޓުގައި މައްސަލައެއް އުޅޭ ކަން އެނގުނު ކަމަށެވެ.
ޕީޕީއެމް ކޮންގްރެސް ސައްހަ ނޫން ކަމަށް ކަނޑައެޅި އިރު ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން މާލޭގައި ހުންނެވީ ޝަރީފު އެކަނި ކަމަށާއި، އެއީ ކޮން ބައްދަލުވުމެއްގައި ކިހިނެއް ނިންމި ކަމެއްކަން ވެސް ނޭނގޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ކަންކަން މީހުން މިނެކިރަން އެނގޭނީ ހިނގާ ކަންކަމުގެ މައްޗަށް ވިސްނައިގެން. މިހާރު އިލެކްޝަންސް ކޮމިޝަނުގެ ހާއްސަކޮށް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފުގެ އަމަލުތައް ހުރިގޮތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަގީން އެބަކުރެވޭ އިންތިހާބުގައި ވަރަށް ބޮޑެތި އޮޅުވާލުންތައް ހުރި ކަމަށް." އަދުރޭ ވިދާޅުވި އެވެ.
އަދި އިންތިހާބުގެ ކުރިން ޝަރީފު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދެއްކެވި އިރު ކިޔައިދިނީ ކެންޑިޑޭޓް ނަމްބަރު ދޭއްގައި ފާހަގަ ޖެހުމުން ވާނެ ގޮތުގެ ވާހަކަތައް ކަމަށް އަދުރޭ ވިދާޅުވި އެވެ.
"މިސާލެއް ދެއްވަންވެސް އެންމެ ރަނގަޅު ނޫންތޯ އެކެއްގައި ފާހަގަޖެހީމަ ވާނެގޮތް ވިދާޅުވާން." އަދުރޭ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް އިންތިހާބު ބާތިލު ކުރަން ހުށަހެޅުމުން ކޯލިޝަނުގެ ފަރާތުން ކަންބޮޑުވެގެން އުޅެނީ އެބޭފުޅުންނަށް ހެދުނު ގޯސް އެނގޭތީ ކަމަށް ވިދާޅުވެ އަދުރޭ ވަނީ ކޯލިޝަނަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އިންތިހާބު ބާތިލުކުރަން ޖެހޭ ވަރުގެ ކަމެއް އޮތްކަން ނެތްކަން ނިންމާނީ އިދިކޮޅު ފަރާތްތަކުން ނޫން ކަމަށެވެ.
މިހާތަނަށް ސުޕްރީމް ކޯޓުން ނިންމި އެއްވެސް ކަމަކަށް ޕީޕީއެމުން ދެކޮޅު ހަދާފައި ނުވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. ނަމަވެސް ފެބުރުއަރީ އެކެއްގެ ހުކުމަށް ދެކޮޅު ހެދީ ގާނޫނު އަސާސީން ބޭރުންކޮށްފައި އޮތް ކަމަކަށް ވާތީ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އިންތިހާބު ބާތިލުކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގެ ފަހު އަޑުއެގުން މިއަދު 10:30 އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.