15 Oct 2018, 19:50
ސެޕްޓޭމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ ބާއްވާ ގޮތަށް ނިންމައިފި އެވެ.
މާދަމާގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ތިން ސިއްރު ހެކިވެރިން ބަލައިގަތުމާ މެދު ގޮތެއް ނިންމާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރާ ނުކުތާތައް އެމަނިކުފާނުގެ ވަކީލުން އިތުރަށް ތަފްސީލްކޮށް ކިޔައިދެއްވި އެވެ. އަދި އެ ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރައްދު ދެއްވި އެވެ. މިއަދުގެ އަޑުއެހުމަށް ރައީސްގެ ވަކީލެއްގެ ގޮތުގައި ރައީސް އޮފީހުގެ ލީގަލް އެފެއާސް މިނިސްޓަރު އާޒިމާ ޝުކޫރު ވެސް ވަޑައިގެންނެވި އެވެ.
ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ވޯޓް އޮޅުވާލުމުގައި ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަނގޮޓިތަކެއް ރާއްޖެއިން ބޭރުން ގެނައި ކަމަށް ވަނީ ބުނެފަ އެވެ.
އެކަން ސާބިތު ކުރުމަށް ތިން މީހަކު ދީފައިވާ ބަޔާނެއް ރައީސް ޔާމީންގެ ފަރާތުން މިއަދު ސުޕްރީމް ކޯޓްގެ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި އެވެ. އެ ހެކި ސިއްރު ކުރުމުގެ ސަބަބެއްގެ ގޮތުގައި ރައީސް ޔާމީންގެ ވަކީލު އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފު ވިދާޅުވީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެތީ ކަމަށެވެ.
އެ ހެކިބަސް ޝަރީއަތުގައި ބަލައިގަތުމާ މެދު އީސީއިންނާއި އެ މައްސަލައަށް ތަދައްހުލުވެފައިވާ އިދިކޮޅު އިއްތިހާދުން ވަނީ އިއުތިރާޒުކޮށްފަ އެވެ. ސަބަބެއްގެ ގޮތުގައި އެ ދެ ފަރާތުން ބުނީ ދުސްތޫރީ މައްސަލައެއްގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކީލު އައްބާސް ޝަރީފު ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ވޯޓް ކަރުދާސް ހުރި ކޮޓަރިއަށް ވަން މީހުންގެ ލޮގްގެ ވާހަކަ ހިމެނެ އެވެ.
އޭނާ ވިދާޅުވީ އެ ލޮގުގައި ރެކޯޑު ކުރެވިފައި ހުރީ ހަމައެކަނި އެ ކޮޓަރިއަށް ވަން ވަގުތު ކަމަށާއި ކޮޓަރިން ނުކުތް ވަގުތު ރެކޯޑު ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ލޮގާމެދު އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.
މީގެ އިތުރުން ކުރިން ވޯޓް ކަރުދާސްތައް ރައްކާ ކޮށްފައި ހުރި ކޮޓަރީގެ ދެ ތަޅުދަނޑި އޮންނަ އިރު އެއް ތަޅުދަނޑި އޮންނަނީ ފުލުހުންގެ އަތުގައި ކަމަށާއި ނަމަވެސް މިފަހަރު ދެ ތަޅުދަނޑި ވެސް އޮތީ އީސީގައި ކަމަށް އައްބާސް ފާހަގަ ކުރެއްވި އެވެ.
ވޯޓު ކަރުދާހުގައި މައްސަލަތައް ހުރިކަން ސާބިތުކޮށް ދިނުމަށް، ފާހަގަ ފެންނަ ވޯޓް ކަރުދާހެއްގެ ފޮޓޯއެއް ވެސް ރައީސް ޔާމީންގެ ފަރާތުން މިއަދު ވަނީ ހުށަހަޅައިފަ އެވެ. އަދި އޮފިޝަލުން މައްސަލަައިގައި ބުނާ އަނގޮޓި އަޅައިގެން ތިބި ކަމަށް ބުނާ ފޮޓޯއެއް ވެސް ވަނީ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އަމިއްލައަށް ހައްގެއް ދޫކޮށްލުމަށް ފަހު އެކަމެއް އަނބުރާ އިއާދަ ނުކުރެވޭނެ ކަމަށް ބުނާ ގާއިދާއާ ހަވާލާދީ ރައީސް ޔާމީނަށް މިހާރު ޝަކުވާ ނުކުރެވޭނެ ކަމަށް އިއްޔެގެ އަޑުއެހުމުގައި އިދިކޮޅު އިއްތިހާދުން ވަނީ ބުނެފަ އެވެ. އެކަމުގެ ރައްދެއްގެ ގޮތުގައި، ކަމަކަށް އެއްބަސްވެފައި އޮތަސް، އެކަމެއް ބާތިލްވާ ފަދަ ހުއްޖަތުތަކެއް ފެނިއްޖެ ނަމަ، ކުރިން އެކަމަކަށް ވެފައިވާ އެއްބަސްވުން ބާތިލްވާނެ ކަމަށް ބުނާ އިސްލާމީ ޝަރީއަތުގެ ގާއިދާއެއް ފާހަގަ ކުރައްވައި އައްބާސް ޝަރީފު މިއަދު ވާހަކަފުޅު ދެއްކެވި އެވެ.
އީސީ އާއި އިދިކޮޅު ކޯލިޝަންގެ ވަކީލުން ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އިއްޔެ އިދިކޮޅުގެ ވަކީލު ހިސާން ހުސައިން އެ މައްސަލަ ސިފަ ކުރެއްވީ "ކޮންސްޕިރެސީ ތިއަރީ" ތަކެއްގެ ގޮތުގަ އެވެ. އަދި މިއަދު ޝަރީއަތުގެ މަޖިލީހުގައި ފާހަގަ ޖެހޭ އަނގޮޓި އާއި ފޮހެވޭ ދެލީގެ ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ ރައީސްގެ މައްސަލައިގައި މަދުވަނީ ހަމައެކަނި "އުދުހޭ މުސައްލާއެއް" ކަމަށެވެ.
ރައްދުގައި އައްބާސް ޝަރީފު ވިދާޅުވީ ދެލި ފޮހެވޭ ގަލަންތަކެއްގެ ވާހަކަ އިންތިޚާބުގެ ކުރިން އެންމެ ގަދައަށް ދެއްކީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެފަދަ ގަލަމެއް ބޭނުން ނުކުރާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ބަޔާނެއް ވެސް ނެރުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.
އިންތިޚާބާ ގުޅޭ މައްސަލައިގެ ފަހު އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:30 ގަ އެވެ. މާދަމާ އެ މައްސަލައިގެ ހުކުމް އިއްވުމުގެ ފުުރުސަތު ވެސް އެބަ އޮތެވެ.