15 Oct 2018, 20:39
ރީބްރޭންޑްކުރުމަށް ފަހު ސަން މީޑިއާ ގްރޫޕުގެ ހިދުމަތްތައް އަލުން ފަށައި، ސަން އޮންލައިންގެ ވެބްސައިޓް ރީލޯންޗުކޮށްފި އެވެ.
ރީބްރޭންޑުކުރުމުގެ މަސައްކަތަށް ސަން މީޑިއާ ގްރޫޕުގެ އޮޕަރޭޝަންތައް މެދުކަނޑާލީ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހު ސަން އޮންލައިންގެ މަސައްކަތްތައް ވެސް މެދުކަނޑާލެވުނެވެ.
ނޭޝަނަލް އާޓް ގެލެރީގައި މިއަދު ހަވީރު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ސަން މީޑިއާ ގްރޫޕުގެ ސީއީއޯ އަދި ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ 2010 ވަނަ އަހަރު ވުޖޫދަށް އައި ސަން އޮންލައިނަކީ ރާއްޖޭގައި ކަމެއް ހިނގުމުން ހިނދުން ހިނދަށް ހަބަރުތައް ގެނައުމުގެ ސަގާފަތް ތައާރަފުކުރި ނޫސް ކަމަށެވެ.
"ސަން އޮންލައިނަކީ މިއަދު ރާއްޖޭގައި ބްރޭންޑު ނަމެއް. އެ ބްރޭންޑް އަދި ވެސް މާތްﷲގެ ރަހުމަތްފުޅާ އެކު އަޅުގަނޑުމެން ދަމަހައްޓާނަން،"
ޒާހިރު ވިދާޅުވީ މީޑިއާގެ ދައުރަކީ އިމްޕެކްޓެއް ނުވަތަ ނަތީޖާއެއް ނެރެވޭ ފަދަ ގޮތަކަށް ހަބަރާއި މައުލޫމާތު ފެތުރުން ކަމަށެވެ. އަދި ސަން މީޑިއާގެ ކުޑައިގެ ދަށުން މަސައްކަތްކޮށްފައި ވާނީ އެ ގޮތުގެ މަތިން ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ނޫސްވެރިކަމުގެ އިންތަކާއި މިންތައް ހިފަހައްޓަމުން، ވާދަވެރި މާހައުލެއްގެ ތެރެއިން ސަންއިން އިތުރު ކާމިޔާބީތައް ވެސް ހޯދަމުން ގެންދާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.
"ނޫސްވެރިކަމަކީ މޫނު ބަލާ ލޯގަނޑެއްގެ ސިފައިގައި ކަންކަން ބުނެދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ އިތުރަށް، އަދި ވެސް ބްރޭކިންގް ނިއުސް ގެނައުމުގައި އަޅުގަނޑުމެންގެ ބްރޭންޑު ދަމަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަން،"
ރީބްރޭންޑުކުރުމަށް ފަހު ސަން އޮންލައިން ކިޔުންތެރިންނާ ހަމައަށް އެނބުރި އައި އިރު، ސަން އޮންލައިނުގެ ވެބްސައިޓު ވެސް ވަނީ ރީޑިޒައިންކޮށްފަ އެވެ.