ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބައެއް އިސްލާހުތަށް ގެނެސް، ގާނޫނީ ހަމަތަކުގެ މަތިން އެ ގަވައިދު ފާސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުގެ މަޖިލިހަށް ފޮނުވައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދު 2005ށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ގަވާއިދުގެ އިބްތިދާއީ މާއްދާއަށް ހުށައަޅާފައިވާ އިސްލާހާއި، ސިޔާސީ ޕާޓީއެއް އުފެއްދުމާއި، ޕާޓީ ރަޖިސްޓްރީކުރުމާއި އުވާލުމާއި، މާލީ ކަންކަމާބެހޭ މާއްދާގެ އިތުރަށް ސުލޫކީ މިންގަނޑު ފަދަ ކަންތަކަށް ގެނައި އިސްލާހުތަކެއް ކަމަށެވެ.

އިލެކްޝަނުން ބުނީ މިދިޔަ އަހަރު އެޕްރީލް މަހުގެތެރޭގައި ވެސް ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބައެއް އިސްލާހު ގެނެސް މަޖިލީހަށް ފޮނުވައިފައިވާ ކަމަށެވެ. ނަމަވެސް އެއިސްލާހުތަށް އަދި މިހާތަނަށް މަޖިލިހުން ގެނެސްފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

"ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކޮށް ބެލެހެއްޓުމަކީ ކޮމިޝަނުގެ މައިގަނޑު އެއް މަސްއޫލިއްޔަތު ކަމަށް ވީހިނދު އެކަންތައް ކުރުމަށް ބޭނުންވާ ގާނޫނު އަދި ޒަމާނާ ގުޅޭ ގަވާއިދެއް ނެތުން އެއީ މިކަންކަން ހަރުދަނާ ގޮތެއްގައި ކުރުމަށް އެޅިފައިވާ ހުރަސްކަމަށް މިކޮމިޝަނުން ދެކެމެވެ." އިލެކްޝަން ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.