15 Oct 2018, 14:13
ފުލުހުންގެ ސަފުތައް ފޫއަޅޫވާލައި ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ގާނޫނީ ވާޖިބު އަދާކުރަން ހުރި މުވައްޒަފަކަށް ހުރަސްއެޅި ކަމުގެ ދައުވާ އެވެ. އެއީ މިދިއަ އަހަރު ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މަޖިލީހަށް ވަތް މައްސަލާގަ އެވެ.
އެމައްސަލަ އަނބުރާ ގެންދިޔަކަން ޕީޖީ އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ އޮފީހުން ބުނީ އެމައްސަލަ އަނބުރާ ގެންދިޔައީ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.
މައްސަލަ އަނބުރާ ގެންދިޔައީ އެ ހުކުމާ ގުޅިގެން އިތުރަށް ރިވިއު ކުރުމަށް ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ބާރަ މެމްބަރުންގެ އިތުރުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މިހާރުގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ވެސް ދައުލަތުން އެ ދައުވާ ކުރި އެވެ. ނަމަވެސް އެ މަނިކުފާނުގެ މައްޗަށް ކުރި ދައުވާ ކުރިން ވަނީ އަނބުރާ ގެންދަވާފަ އެވެ.
ދައުލަތުން އެމައްސަލާގައި ދައުވާ އުފުލި 12 މެމްބަރުންގެތެރޭގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް އާއި ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވަ އެވެ.
އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވެސް ހިމެނިވަޑައިގަންވަ އެވެ.
އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވެސް ހިމެނިވަޑައިގަންވަ އެވެ.