މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ 36، އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް 26،ގެ ކައިވެނި އަންނަ މަހު ކުރާނެ ކަމަށް ބޭރުގެ ޚަބަރުތައް ބުނެފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ދެ މީހުންގެ ކައިވެނި އަންނަ މަހު ކުރާއިރު ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ޖޯދުޕޫރްގައި ހުންނަ އުމައިދު ބަވަން ގަނޑުވަރުގައި ކަމަށެވެ.

"ދެތަރިން ވެސް ވަރަށް ފަހުން އައީ ޖޯދުޕޫރަށް ގޮސް. އަދި އެ ގަނޑުވަރު ވެސް ބަލާފައި ވަނީ. އެއީ އެމީހުންނަށް ވަރަށް ހާއްސަވި ތަނެއް،" ޕްރިޔަންކާގެ ގާތް މީހަކާ ހަވާލާދީ ޚަބަރުތައް ބުނެ އެވެ.

ޕްރިޔަންކާ އާއި ނިކް ރަސްމީކޮށް އެންގޭޖްކުރިކަމަށް އިއުލާންކޮށްފައި ވަނީ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ.

އަންނަ މަހު އެދެތަރިން ކައިވެނިކުރަން ނިންމި ނަމަވެސް ކައިވެނި ކުރާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެ އެވެ.

ކައިވެނީގެ ހަފްލާ އަށް 200 މީހުންނަށް ދައުވަތުދޭ ކަމަށާއި ދައުވަތު ދެނީ ދެފަރާތުގެ އާއިލާގެ އިތުރުން ގާތް ރަހުމަތްތެރިންނަށް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.