ކ. ތިލަފުށިން އަލަށް ހިއްކި 14 ހެކްޓަރުގެ ސަރަހައްދުން ބިން ކުއްޔަށް ދޫކުރަން މިއަދު ފަށައިފި އެވެ.

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް )ޓީސީއެލް(ގެ ކޯޕަރޭޓް އެފެއާފް މެނޭޖަރު މުހައްމަދު ލަތީފު ވިދާޅުވީ، އެ ސަރަހައްދުން 158 ބިމެއް ދޫކުރަން ހަމަޖައްސާފައިވާ ކަމަށާއި އެ ބިންތައް ފުރަތަަމަ ބުރުގައި ދޫކުރަނީ 38 އަހަރު ދުވަހަށް ކަމަށެވެ.

އެގޮތުން ފުރަތަމަ ތިން އަހަރަށް ބިން ދޫކުރަނީ އަކަ ފޫޓަކަށް ދޮޅު ރުފިޔާ ނަގާ ގޮތަށް ކަމަށާއި ހަތަރު ވަނަ އަހަރާއި ފަސްވަނަ އަހަރު އަކަ ފޫޓަކަށް 2.50ރ. ނަގާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

އަދި ހަވަނަ އަހަރުން ފެށިގެން އިންފްލޭޝަނަށް ބަލާފައި އަގަށް ބަދަލު ގެނެވޭނެ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. އަގަށް ބަދަލު ގެންނާނީ 15 ޕަސަންޓަށް ކަމަށާއި އެއަށް ވުރެ އަގު ބޮޑު ނުވާނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ބިން ދޫކުރުމުގައި އިސްކަމެއް ދޭނީ ބޮޑު އެޑްވާންސެއް ހުށަހަޅާ ފަރާތްތަކަށް ކަމަށް ވެސް ޓީސީއެލް އިން ބުނެ އެވެ.

ފުރަތަމަ ބުރުގައި ކުއްޔަށް ދޫކުރާ ބިންތަކުގެ ތެރޭގައި ހިމެނެނީ ކޮންސްޓްރަކްޝަން މެޓީރިއަލް ގުދަންކުރުމަށް ދޫކުރާ 20،000 އަކަފޫޓްގެ 20 ބިމާއި ލަކުޑި މަސައްކަތްތަކަށް ދޫކުރާ 10،000 އަކަފޫޓުގެ 20 ބިމާއި ސޯމިލްއާއި އެކި ބާވަތުގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް 5،000 އަކަފޫޓުގެ 20 ބިމާއި ދަގަނޑާއި އިލެކްޓްރިކަލް މަސައްކަތްތަކަށް 5،000 އަކަފޫޓުގެ 20 ބިން އަދި އެހެނިހެން މަސައްކަތްތަކަށް ދޫކުރާ 20،000 އަކަފޫޓުގެ ހަތަރު ބިމާއި ހަމަ އެކި ބޭނުންތަކަށް ދޫކުރާ 2000 އަކަފޫޓުގެ 74 ބިމެކެވެ.

އަލަށް ހިއްކާ ސަރަހައްދުގައި އިންޓަނޭޝަނަލް ޕޯޓަކާއި ކޮންޓެއިނަރު ޓާމިނަލެއް ވެސް ގާއިމްކުރަން ޓީސީއެލް އިން ވަނީ ޕްލޭންކޮށްފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ހިއްސާވާ ހެވީ ލޯޑާ ހަވާލުކޮށްގެން ތިލަފުށި ފަޅުން 157 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން އެ މަސައްކަތް ހުއްޓާލަން އަންގާފައިވަނިކޮށެވެ. ޓީސީއެލުން ބުނާ ގޮތުގައި، އެ މަޝްރޫއު ހުއްޓުވުމުގެ ބާރު އޭސީސީ އަށް ލިބިގެނެއް ނުވެ އެވެ. އެ މައްސަލަ ކޯޓުގައި މިހާރު އޮތް އިރު ހެވީ ލޯޑުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރަމުންނެވެ.

ޓީސީއެލް އިން މިއަދު ބުނީ، ފަޅު ހިއްކުމަށް ވެލި ނެގުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި ބާދަގަނޑާއި އެހެނިހެން ބާވަތްތަކުގެ ދަގަނޑު މައުދަންތައް ހުރުމުން ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ހެވީ ލޯޑުން އެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ.