15 Oct 2018, 09:21
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ރައީސް ޔާމީންގެ ފަރާތުން އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބިނާވެފައި އޮތީ ހީތަކާއި ވަހުމްތަކުގެ މައްޗަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް އިއްޔެ ފަށާފައިވާ އިރު އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރާ ވަކީލު ހުސެއިން ޝަމީމް ވިދާޅުވީ ރިޔާސީ އިންތިހާބު އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. އަދި އެ މައްސަލައިގެ އަސްލަށް އިންކާރު ކުރާ ކަމަށް ވިދާޅުވެ އޭނާ ވަނީ އިންތިހާބު ބާތިލު ކުރަން ޖެހޭ އެއްވެސް ސަބެބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އިއްޔެ ޝަމީމް ވިދާޅުވީ އެ މައްސަލަ ހަގީގަތުގައި ފުރަތަމަ ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ވެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އޮތް ގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ 2013ގެ ރިޔާސީ އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލީ ވަކި ޚާއްސަ ދެ ޝަރުތެއް ފުރިހަމަވުމުން ކަމަށާއި މިފަހަރުގެ ހުށަހަޅާފައިވާ މައްސަލާގައި އެ ދެ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.
އޭގެ އިތުރުން ދައުވާގައި ބުނާ ކަންކަން ސާބިތުކޮށް ދިނުމަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކުރައްވަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި އެއްވެސް ސާބިތު ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ މައްސަލާގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަށް ޝައްކުގެ ދަރަޖަ ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެ ފަދަ އަނގޮޓިތަކެއް ގެންގުޅުނު ކަމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވާ އިރު އެފަދަ އަނގޮޓިއެއް ގެންގުޅުނު ކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ދެލި ފޮހެވޭ ގަލަންތަކެއް ބޭނުންކުރި ކަމަށް މައްސަލާގައި ބުނެފައި ވާތީ އެކަމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ފާހަގަ ޖަހަން އަމިއްލަ ގަލަމެއް ކޮންމެ ރައްޔިތަކަށް ވެސް ގެންދެވޭނެ ކަމަށް ބުނެ އީސީ އިން ނޫސް ބަޔާނެއް ވެސް ނެރުނު ކަމަށެވެ. ކެމިކަލް ލޭޔާއެއް ހިމެނޭ ކަރުދާސްތަކެއްގައި ވޯޓު ކަރުދާސް ޕްރިންޓު ކުރި ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން އޭނާ ވިދާޅުވީ، އެ ކަރުދާސް އުފައްދާ ކުންފުނިން އެ ކަރުދާހަށް އެއްވެސް އެފަދަ ބަދަލެއް ގެނެސްފައި ނުވާނެ ކަން ކަށަވަރު ކުރާ ސިޓީއެއް ލިބިފައިވާ ކަމަށެވެ.
އެ މައްސަލާގައި އެންމެ ބޮޑަށް ފާހަގަ ކުރި އެއް ކަމަކީ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް އެމް7 އަށް ބިޑް ކުރުމެއް ނެތި ދިން މައްސަލަ އެވެ. އަދި ބުނެފައި ވަނީ އެކަން އީސީ އިން ކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. ނަމަވެސް ޝަމީމް ވިދާޅުވީ އެކަން ކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފިނޭންސް މިނިސްޓަރުގެ ހުއްދަ ވެސް ލިބިގެން ކަމަށެވެ. އަދި އެކަމަށް ފިނޭންސް މިނިސްޓަރުގެ ސޮޔާ އެކު ހުއްދަ ދީފައިވާ ކަން ސާބިތު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯޓު ކަރުދާސް ޗާޕް ކުރުމުގެ އިތުރުން ކަރުދާސް ބަހައްޓާފައި ހުރި ތަނުގެ ސެކިއުރިޓީއާ މެދު ވެސް އެ މައްސަލާގައި ވަނީ ސުވާލު އުފައްދައިފަ އެވެ. ޝަމީމް ވިދާޅުވީ ވޯޓު ކަރުދާސް ބަހައްޓާ ތަނަށް ވަދެވެނީ އިލެކްޝަންސްގެ ވަކި ހާއްސަ ފާހެއް އޮންނަ މުވައްޒަފުންނަށް ކަމަށާއި އެތަނުގެ ސެކިއުރިޓީ ފުލުހުން ވެސް ބަލަހައްޓާފައިވާނެ ކަމަށެވެ.
ވޯޓިން ބޫތު ބަހައްޓާފައި ހުރި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމުގެ ޝަކުވާ އާއި ވޯޓުލާ މަރުކަޒަށް ފޯނާއި އަތް ދަބަސް ފަދަ ތަކެތި ވެއްދުމުގެ ޝަކުވާތަކާ ބެހޭ ގޮތުން ވެސް ޝަމީމް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ ވޯޓިން ބޫތު ބެހެއްޓި ގޮތުގެ ޝަކުވާތައް ލިބުމުން އީސީގެ އޮފިޝަލުން އެކަންތައް ރަނގަޅު ކުރި ކަމަށެވެ. އަދި އަތް ދަބަހާއި ފޯނު ވެއްދި ތަންތަނުގެ އޮފިޝަލުންގެ ގޮތުގައި ތިބި މީހުންގެ މައްސަލަތައް މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުރި ތަން ކުއްލި ގޮތަކަށް ބަދަލުކުރުމުގެ ސަބަބުން އިންތިޚާބީ ޝަކުވާ ހުށަހެޅުމަށް ދަތިވި ކަމަށް ވެސް ރައީސް ޔާމީންގެ ފަރާތުން ހުށަހެެޅި މައްސަލާގައި ފާހަގަ ކުރި އެވެ. އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެއްވެސް އިރަކު ބަންދު ނުކުރާ ކަމަށާއި އެ ބިއުރޯއަށް ހުށަހެޅި ހުރިހާ މައްސަލަތަކަށް ޖަވާބު ދިން ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލާގައި އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އުނިކަން ލިބިފައިވާ ކަމުގެ ޝަކުވާ ކޮށްފައި ނުވާ ކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. އަދި އިދިކޮޅުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވީ 38000 ވޯޓުގެ ތަފާތުން ކަމަށް ވާއިރު އިންތިހާބު ބާބާތިލްކުރެވޭނީ އެ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތެއް އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރައީސްގެ ފަރާތުން ހުށަހެޅި މައްސަލާގައި އެމަނިކުފާނަށް ގެއްލުނީ ކިތައް ވޯޓުކަން ވެސް އެނގެން ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ވޯޓު ކަރުދާހުގެ ސައްހަކަން ބަލަން ޔޫވީ ލައިޓް ބޭނުން ކޮށްފައި ނެތް މައްސަލައާ ގުޅިގެން ޝަމީމް ވިދާޅުވީ ޔޫވީ ލައިޓް ބޭނުން ކުރުމަށް ގާނޫނީ ގޮތުން އީސީއަށް ލާޒިމްވެފައި ނެތް ކަމަށެވެ. އަދި ސައްހަ ނޫން ކަރުދާހެއްގެ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކަންތައްތައް ފާހަގަކުރައްވައި ޝަމީމް ސުޕްރީމް ކޯޓުގެ ފުލް ބެންޗެގެ ކިބައިން އެދިވަޑައިގެންނެވީ 23 ސެޕްޓެމްބަރުގައި އޮތް ރިޔާސީ އިންތިހާބަކީ ނަޒާހަތްތެރިކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިޔަ އިންތިހާބެއް ކަމަށާއި އިންތިހާބު ބާތިލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށެވެ.
އެ މައްސަލައިގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ތަދައްހުލު ވެފަ އެވެ. އިއްޔެގެ އަޑުއެހުމުގައި އިދިކޮޅު އިއްތިހާދު ތަމްސީލު ކުރެއްވީ ހިސާން ހުސެއިން އެވެ.
އެ އަޑުއެހުމަށް އިދިކޮޅުގެ ސިޔާސީ ބައެއް ލީޑަރުންނާއި ޕީޕީއެމްގެ މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ މިނިސްޓަރުންނާއި ޝަރީއަތުގެ މަޖިލީސް ފުރޭ ވަރަށް އާންމުން ވަނީ ވަދެފަ އެވެ. އަދި އަޑުއެހުން ދެ ގަޑިއިރު ކުރިން މައްސަލައަށް ނަން ނޯޓު ކުރުމަށް ގިނަ ބަޔަކު ކިޔޫ ވެސް ހެދި އެވެ.