22 Sep 2011, 16:57
ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ކަނޑައަޅާގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ހަމަޖައްސައިފި އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކާޑުގެ ބާވަތްތައް ކަމުގައިވާ އާދައިގެ ހަނޑުލާއި އާދައިގެ ގޮދަން ފުށާއި އަދި ހަކުރުގެ ކޮންޓްރޯލް އަގު ކައުންސިލްތަކުން އިއުލާން ކުރަންވާނީ އަގު ކަނޑައެޅުމަށް ފަހު އެ މިނިސްޓްރީ އަށް ހުށަހަޅައި އެ އަގަކީ އެރަށެއްގައި ކާޑުގެ އަގު ވިއްކުމުގެ ކޮންޓްރޯލް އަގު ކަމުގައި އެ މިނިސްޓްރީން ހަމަޖެއްސުމުން ކަމަށެވެ.
އެ އިއުލާނުގައިވާ ގޮތުގައި ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅަންވާނީ އެރަށްރަށުގެ ކައުންސިލްތަކުންނެވެ. އަދި ސިޓީ ކައުންސިލްތަކުގައި ހިމެނޭ ރަށްރަށުގައި ކާޑުގެ ބާވަތްތައް އެންމެ ބޮޑުކޮށް ވިއްކޭނެ އަގު ކަނޑައަޅާނީ ސިޓީ ކައުންސިލްތަކުންނެވެ.
މިގޮތަށް މި ނިންމާފައި މިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކަމަށް އެއިއުލާނުގައި ބުނެފައިވެ އެވެ.
"ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގު ކައުންސިލްތަކުން ކަނޑައެޅުއްވުމަށް ނިންމާފައި ވަނީ، ރާއްޖޭގެ ތަފާތު ސަރަހައްދު ތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމުގެ ކޮންޓްރޯލް އަގު ކަނޑައެޅުމުގައި އެ ތަކެތި މާލެއިން އެ އަތޮޅަކަށް ގެންދިޔުމަށް ހިނގާ ޚަރަދާ ބެހޭ މައުލޫމާތު އެ އަތޮޅެއްގެ އަތޮޅު ކައުންސިލުން ހޯދައި އެ ޚަރަދު ހިމަނައިގެން އަގު ކަނޑައެޅުމުން، ބައެއް ރަށްރަށުން ކާޑުގެ ބާވަތްތައް ވިއްކުން ހުއްޓާލާފައިވާތީ، އެރަށަކުން ކާޑުގެ ބާވަތްތައް ގެއްލުންނުވެ ވިއްކޭނެ އެންމެ ކުޑައަގެއް ކަނޑައަޅުއްވަން ފަސޭހަވާނީ، އެރަށެއްގެ ރަށު ކައުންސިލުން މިކަން ކުރައްވައިގެންކަމަށް ފެންނާތީ އެވެ." އެ އިއުލާނުގައިވެ އެވެ.