17 Oct 2018, 09:18
އަހަރު ފެށިގެންދިޔައީ ފިލްމު އިންޑަސްޓްރީއަށް ގިނަ ފިލްމުތައް އިއުލާންކުރުމާ އެކުގައެވެ. ދިވެހި ސިނަމާއަށް އިތުރު އާރޯކަމެއް ލިބޭނެ ކަމަށް ގިނަ ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ވެސް ތިބީ އުންމީދުކޮށްގެންނެވެ.
ސިޔާސީ މަޝްރަހު ހަލަބޮލިވާނެ ކަން ދަނެ ގިނަ ފިލްމުތަކެއް އެޅުވުމުގެ އުންމީދުގައި ފިލްމުތައް އިއުލާންކުރިއެވެ. ނަމަވެސް މި ހުރިހާ ފިލްމުތަކަށް ހުރަސް މިއެޅީ ސިޔާސީ ކަންތައްތަކެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށްފަހު ސިޔާސީ ގޮތުން ހިމޭންކަން އަންނާނެ ކަމަށް ބެލެވުނު ނަމަވެސް ގައުމު އޮތީ ހަލަބޮލި ކަމެއްގެ ތެރޭގައެވެ.
އަހަރު ނިމެން ދެ ތިން މަހެއް އޮތް އިރު މިހާތަނަށް އެޅުވީ އެންމެ ހަތަރު ފިލްމެވެ. އެއީ ޔޫސުފް ޝަފީއު ޑައިރެކްޓްކުރި ތްރިލާ ފިލްމު "ދެވަންސޫރަ"، ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ވަކިން ލޯބިން"، އަމްޖަދު އިބްރާހިމް (އަމްޖޭ)ގެ "ރޭވުމުން"ގެ އިތުރުން ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާގެ "ތިޔަ ލޯތްބާ ދުރަށް" އެވެ.
ގިނަ ފިލްމުތަކެއް މިއަހަރަށް ތާވަލްކުރި ނަމަވެސް ސިޔާސީ ކަންތައްތަކުގެ ސަބަބުން ގިނަ ފިލްމުތަކަށް މަޑު ޖެހުމެއް އައިސްފައިވާ ކަމަށް ގިނަ ޑައިރެކްޓަރުން އިއްތިފާގުވެއެވެ.
މިއަހަރަށް އަޅުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި، އަދި އެންމެ އިންތިޒާރުކުރި ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. ކުރިން މި އަހަރުގެ އޮކްޓޯބަރު މަހުގެ 15ގައި އަޅުވަން ވަނީ ނިންމާފައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މި ފިލްމު ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

"ނިވައިރޯޅި" ގެ މަންޒަރެއް: ފޮޓޯ ފޭސްބުކް
ޑާކްރެއިން އެންޓައިންމަންޓްގެ ފިލްމު "ގޮށްރާޅު" އަކީ ވެސް ގިނަ ބަޔަކު އިންތިޒާރުކުރި ފިލްމެކެވެ. އެ ފިލްމު ވެސް އަންނަ އަހަރަށް ފަސްކޮށްލީ ސިޔާސީ މަޝްރަހް ހަލަބޮލި ކަމުން ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ. އެ ފިލްމު ވެސް އަންނަ އަހަރު ފެބްރުއަރީ މަހު އަޅުވަން އިއުލާންކުރި ނަމަވެސް އަޅުވާ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.
މި އަހަރު އަޅުވާނެ ކަމަށް ދެން އެންމެ އުންމީދު ކުރީ އަބްދުﷲ މުއާޒު (މުއާ) ކޯ ޕްރޮޑިއުސްކޮށް، އޭނާ ޑައިރެކްޓްކުރާ ފިލްމު "ލީނާ" އެވެ. އެ ފިލްމު މިއަހަރު އަޅުވާނެ ކަން މުއާ ޔަގީންކޮށްދިން ނަމަވެސް ސިޔާސީ މަޝްރަހުގެ ސަބަބުން މި ފިލްމު ވެސް ފަސްކޮށްލީ ކަމަށް ބެލެވެއެވެ. މިކަމާ ގުޅޭގޮތުން މުއާ ބުނީ ރާއްޖޭގައި މިވަގުތު ފިލްމެއް އަޅުވާނެ މާހައުލެއް ނެތް ކަމަށެވެ.
"އަސްލު ހީކުރީ ވޯޓު ކަންތައް ނިމުނީމަ ގައުމު އަމާންވާނެ ކަމަށް. އެކަމަކު ފިލްމެއް އަޅުވާނެ ޖާގަ އެއް ނެތް އަދި. ދެދުވަހެއް ތެރޭގައި ވަކި ގޮތެއް ނިންމާނަން. ފިލްމު މި އަހަރު އަޅުވާނެތޯ ނުވަތަ ނޫންތޯ،" މުއާ ސަން އަށް ބުންޏެވެ.

އައްޒަ އާއި މުއާ "ލީނާ" ގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯ އެއް....
އަހަރު ފެށުނުއިރު އިރު "ފޯޓީ ޕްލަސް" އަޅުވާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އަހަރު ނިމިގެންދިޔައިރު ވެސް ފިލްމު އަޅުވާނެ ވަކި ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.
"މިވަގުތު ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު އެހާ އޯޑިއަންސް ވެސް ރަނގަޅެއް ނުވާނެ ކަންނޭނގެ. ފިލްމު ހަދަނީ ބޮޑު ޚަރަދެއް ކޮށްފައި. އެއްވެސް ޑައިރެކްޓަރެއް ބޭނުމެއް ނުވާނެ ރިސްކެއް ނަގާކަށް،"
އަހުމަދު ޝަރީފްގެ "ބާކީވެފައި" އަކީ ވެސް މިއަހަރަށް ތާވަލުކުރި ފިލްމެކެވެ. ނަމަވެސް މި ފިލްމު ވެސް އަންނަ އަހަރަށް ލަސްކޮށްލީ ކަމަށް ބެލެވެއެވެ.

40+ ގެ ކްރޫ--- ފޮޓޯ ފޭސްބުކް
މީގެ އިތުރުން ޑައިރެކްޓަރު އަމްޖަދުު އިބްރާހިމްގެ ގިނަ ފިލްމުތަކެއް އިއުލާންކުރި ނަމަވެސް އާންމުންނާ ހަމައަށް އަންނަނީ އޭނާގެ މަދު ފިލްމުތަކެކެވެ. އަދި އަލީ ސީޒަން ޑައިރެކްޓްކުރާ ފިލްމު "ފިނިފެންމާ" ވެސް އަންނަ އަހަރު ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.
އަހަރު މިހާ ހިސާބަށް އައިރު ހަތަރު ފިލްމެއް އެޅުވި ނަމަވެސް މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ކުރިން އެޅުވި ދެ ފިލްމެއް ވަނީ އަލުން އޮލިމްޕަހުގައި އަޅުވާފައެވެ.
މި އަހަރު ވެގެންދާނީ ދިވެހި ފިލްމު އިންޑަސްޓްރީއަށް ފަޅު އަހަރަކަށެވެ. ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ފުރިގެންވާ އުންމީދު ތަކަށް މަޑުޖެހުމެއް ވަނީ އައިސްފައެވެ. ސިޔާސީ އޮއިވަރުގެ ސަބަބުން ފިލްމު އިންޑަސްޓްރީ މިވަނީ ވަރަށް ބޮޑު ވެއްޓުމަކަށް އައިސްފައެވެ.