15 Oct 2018, 09:40
ކުއަލަލަމްޕޫރު (އޮކްޓޯބަރު 14): މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބުކަން މީގެ ކުރިން ކުރެއްވި އަންވަރު އިބްރާހިމް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރައްވައި، ސިޔާސީ މައިދާނަށް އަނެއްކާ ވެސް ނިކުމެވަޑައިގެންފި އެވެ.
މެލޭޝިއާގެ ހުޅަނގުގައި އޮންނަ ޕޯޓް ޑިކްސަންގެ ބައި އިލެކްޝަން އަންވަރު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 71 ޕަސެންޓު މީހުންގެ ތާއިދާ ހޯއްދަވައިގެންނެވެ.
އެމަގާމުގައި މީގެ ކުރިން ހުންނެވީ ވެރިކަން ކުރާ އެލަޔަންސް އޮފް ހޯޕް ކޯލިޝަނަށް ނިސްބަތްވާ މެމްބަރެކެވެ. އަދި އަންވަރަށް މަޖިލީހުން ޖާގަ ދިނުމަށް ޓަކައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެވެ.
މެލޭޝިއާގައި މިހާރު ވެރިކަން ކުރަމުން ދަނީ އަންވަރުގެ ލީޑަރުކަމުގެ ދަށުން އުފެއްދި ކޯލިޝަނެކެވެ. ނަމަވެސް މިދިޔަ މެއި މަހާ ޖެހެންދެން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުގެ ސަބަބުން ކޯލިޝަނުގެ ޗެއާމަން ކަމަށް ވަޑައިގެންނެވީ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދެވެ.
އަދި އެލަޔަންސް އޮފް ހޯޕް އިން މެލޭޝިއާގެ އާއްމު އިންތިހާބު ކާމިޔާބު ކުރުމާ އެކު މަހާތިރު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، އޭނާ ވަނީ ދެ އަހަރު ފަހުން އަންވަރާ ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބުކަން އަންވަރު ކުރެއްވީ 1993 އިން 1998 އެވެ. އެއީ މީގެ ކުރިން މަހާތިރު ވެރިކަން ކުރެއްވި ދުވަސްވަރެވެ. ނަމަވެސް އެދެބޭފުޅުންގެ މެދުގައި ދެބަސްވުން އުފެދި، 1998ގައި އަންވަރު މަގާމުން ދުރުކުރި އެވެ. އަދި އޭގެ އަހަރެއް ފަހުން އަންވަރުގެ މައްޗަށް ކޮރަޕްޝަނާއި އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ ސާބިތުވެ، އޭނާ ޖަލަށްލި އެވެ.
އޭގެ ފަހުން 2004 ވަނަ އަހަރު އަންވަރު މިނިވަންވުމުން އޭނާ އަނެއްކާވެސް ސިޔާސި މައިދާނަށް ނިކުމެވަޑައިގަތެވެ. ނަމަވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާގައި 2015 ވަނަ އަހަރު ދެވަނަ ފަހަރަށް އަންވަރު ޖަލަށްލި އެވެ.
އަންވަރު މިހާރު މިނިވަންވެފައި ވަނީ މިދިޔަ މެއި މަހު މެލޭޝިއާގެ ރަސްގެފާނު އޭނާއަށް މާފު ދެއްވުމުންނެވެ.