16 Oct 2018, 09:31
ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އަޅުވަން ހަމަޖައްސާފައިވާ ތްރިލާ ފިލްމު ގޮށްރާޅު އަންނަ އަހަރުގެ ތެރޭގައި އަޅުވާގޮތަށް ލަސްކޮށްފިއެވެ.
މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކުރާ "ގޮށްރާޅު"ގެ ފުރަތަމަ ޓްރެއިލާ ވެސް ވަނީ މީގެ ދެމަސް ކުރިން ބެލުންތެރިންނާ ހަމަޔަށް ދޫކޮށްލާފައެވެ.
މޮގާ ބުނީ، ކުރިން އަންނަ މަހު ފިލްމު އަޅުވަން ނިންމާފައިވީ ނަމަވެސް އަންނަ އަހަރު ފިލްމު އަޅުވަން ލަސްކުރަންޖެހުނީ، ރިޔާސީ އިންތިހާބު ނިމިފައިވީ ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހު އަދިވެސް ރަނގަޅަށް ހައްލަކަށް ނޭޅިގެން އުޅޭތީ ކަމަށެވެ.
"އަސްލު އަދިވެސް ހިޔެއްނުވޭ މި ސިޔާސީ ކުޅިގަނޑު ނިމެން އުޅޭ ހެން، އެހެންވެ މި ދަނޑި ވަޅުގަ ފިލްމު އަޅުވަން އެންމެ ރަނގަޅުހެން ހީނުވޭ،" މޮގާ ބުންޏެވެ.

"ގޮށްރާޅު"ގެ ޕޯސްޓަރެއް...
މޮގާ ބުނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި "ގޮށްރާޅު" ސިނަމާއަށް ގެންނާނެ ކަމަށާއި ނަމަވެސް އަދި ތާރީހެއް ކަނޑަނާޅާ ކަމަށެވެ.
"އަނެއްކޮޅުން ބޮޑު ޗުއްޓީ ވެސް އޮތީ ކުރިޔަށް، ސިޔާސީ ގޮތުން މިހާ ހަލަބޮލިވެފަ އޮށްވާ ރިސްކެއް ނަގާކަށް ބޭނުމެއް ނުވާނެއްނު،" މޮގާ ފާހަގަ ކުރިއެވެ.
ކުޅަދާނަ ޑައިރެކްޓަރު އަހުމަދު ސިނާން ޑައިރެކްޓްކުރާ އެ ފިލްމަކީ ގިނަ ފިލްމު ތަކަށް ސްްކްރީންޕްލޭ ހަދާފައިވާ މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް ހަދާ މުޖުތަމައުއަށް ވަރަށް ރަނގަޅު މެސެޖެއް ގެނެސްދޭނެ ފިލްމެކެވެ.

"ގޮށްރާޅު' ގެ ޕޯސްޓަރެއް...
"ގޮށްރާޅު" އަކީ މަސައްކަތުގެ ތެރެއިން މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެކެވެ. މި ފިލްމުން މިހާރު ފިލްމު އިންޑަސްޓްރީގައި ތިބި ކާމިޔާބު ފަންނާނުންނާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިންގެ އެކްޓިން ފެނިގެންދާނެއެވެ.
އެފިލްމުގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ފެނިގެންދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން އިސްމާއިލް ރަޝީދު(ކޮޕީ އިއްސެ) ވެސް ފެންނާނެއެވެ.