އިންތިޚާބު ސައްހަ ނަމަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް 65 ޕަސެންޓަށް ވުރެ ބޮޑު އަޣްލަބިއްޔަތެއް ލިބޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިންތިހާބު ސައްހަ ނޫން ކަމަށް ބުނެ ޕީޕީއެމް އިން ކޮންމެ ރެއަކު ކުރިއަށް ގެންދާ "އޮޅުވާލި ވޯޓު" އެއްވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ރޭ ވިދާޅުވީ ވޯޓު އޮޅުވާލައިގެން ވެސް 96،000 މީހުންގެ ވޯޓު ބަދަލު ނުކުރެވުނު ކަމަށެވެ.

"އޮޅުވާލުމެއްގެ ތެރެއިން ވެސް 96،000 ވޯޓު ރައީސް ޔާމީން އެކަނި ނެންގެވުމުން ފިލާވަޅު ލިބިގަންނަން ޖެހޭ، އޭގެން ވެސް އަޅުގަނޑުމެންނަށް ދޭހަ ވަނީ އަޅުގަނޑުމެންގެ އިންތިހާބު ސައްހަކަމާ އެކީ ކުރިޔަށް ދިޔަ ނަމަ ރައީސް ޔާމީން މި އިންތިހާބު ކާމިޔާބު ކުރައްވާނީ 65 ޕަސަންޓަށް ވުރެ މަތީ އަގުލަބިއްޔަތަކުންނޭ،" ޕީޕީއެމްގެ އޮފީސް ކުރިމަތީ ކުރިއަށް ގެންދިޔައެއްވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް އިން އިސްސާފު ހޯދުމަށް ގޮވާލާ އެއްވުމުގައި ބައިވެރިވާ މީހުންގެ އަދަދު މަދު ނަމަވެސް، މީހުން ގިނަ ނަމަވެސް އެ މަސައްކަތް ހުއްޓާނުލާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުން އަދިވެސް ކުރިއަށް ދާން ބޭނުން ވަނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީޢާއެކު ކަމަށެވެ.

އަދުރޭ ވަނީ އެއްވުމުގައި ބައިވެރިވާ ޕީޕީއެމްގެ ސަޕޯޓަރުން ގާނޫނާ ގަވައިދުގެ ތެރެއިން މސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދުރޭ ވިދާޅުވީ ވާދަވެރިންނާއި ޕީޕީއެމް މީހުންނާ ހުރި ތަފާތަކީ، އިދިކޮޅު ފަރާތްތަކުން އަބަދު ވެސް ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުން ކަމަށެވެ.