22 Sep 2011, 16:23
ރާއްޖޭގައި އާބާދީގެ ވަޒީފާއަށް ދާ އުމުރުފުރާގެ 30 ޕަސެންޓް މީހުންނަށް ވަޒީފާ ލިބޭނެގޮތްތަކެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޒުވާނުންނަށް 8500 ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ "ހުނަރު" ޕްރޮގްރާމް ފައްޓައިދެއްވުމަށް އެމްޕީއެލް ޔާޑް ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ސެމީ ސްކިލްޑް 12000 ބިދޭސީ މީހުން އުޅޭކަމަށާއި އެއިން ކޮންމެ މީހެއްގެ މުސާރައަށް ކުންފުނިތަކުން ގާތްގަނޑަކަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 10000ރ. ހަރަދުކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ މީހުން ރާއްޖޭގައި މަސައްކަތް ކުރަން ޖެހެނީ ދިވެހިންގެ ކިބައިގައިވާ ވަޒީފާއަކަށްދާނެ ހުނަރުނެތުމުން ކަމަށެވެ.
"މިއަދުގެ ހަގީގަތަކީ ފޯކްލިފްޓް ދުއްވާ 600 ބޭރު މީހުން އުޅޭކަން. އަދި ކޮންމެވެސް މިންވަރަކަށް ހުނަރަކާއެކުގައި މަސައްކަތްކުރާ 12،000 އަށް ވުރެ ގިނަ ބޭރު މީހުން ރާއްޖޭގައި މަސައްކަތް ކުރަމުންދާކަން. އެ 12،000 މީހުންގެ ތެރެއިން އެވްރެޖް މުސާރައިގެ ގޮތުގައި ކޮންމެ މީހަކަށް ދެވޭ 9،000ރ. އާއި 10،000ރ. އަށް ވުރެ ބޮޑު މުސާރައެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ހަމަ މިހެން މިކަން އޮތް އިރު، ވަޒީފާއަކަށް ނުކުމެވޭނެ އުމުރު ފުރާގެ 30 ޕަސެންޓް ކުދިން މި ތިބީ ވަޒީފާއެއް ނެތިފައި. ވަޒީފާއެއް ނެތިފައި ތިބުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ސަރުކާރަށް ވެސް އަދި އެހެން މާހިރުންނަށް ވެސް ފާހަގަ ވަނީ ވަޒީފާ އަށް ބޭނުންވާ ހުނަރު އެ މީހުންގެ ކިބައިގައި ނެތްކަން،"
ދިވެހިން ވަޒީފާތަކަށް ނިކުތުމަށް ހުރަސްއެޅިފައިވުމަކީ ރާއްޖޭގެ ތަރައްގީ އަށް އެޅިފައި އޮތް ވަރަށް ބޮޑު ހުރަހެއްކަމަށާއި ސަރުކާރުން އަބަދުވެސް ބަލަމުން ދަނީ ހުނަރުވެރި ދިވެހި ޒުވާނުންތަކެއް އުފައްދައި އެ ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުން ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ ބިދޭސީން މިތިބި ވަޒީފާތަކަށް ދިވެހިން ލުން މި ޕްރޮގްރާމްގެ ތެރެއިން ވެސް 8500 ވަޒީފާ އުފެދިގެން ދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސެންޓަ ފޯ ކެރިއާ އެންޑް ޓެކްނިކަލް އެޑިއުކޭޝަން (ސީސީޓީއީ) އާ ގުޅިގެން ހިންގާ ހުނަރު ޕްރޮގުރާމުގެ ފުރަތަމަ ކޯސް މިއަދު ފެށީއިރު އެ ކޯހުގައި ވަނީ 100 ކުއްޖަކު ބައިވެރިވެފަ އެވެ.
ސީސީޓީއީ އިން ބުނީ އެ ކޯހުގައި ކިޔަވާ ކުދިންނަށް އެތަނުން ވަޒީފާ ވެސް ދޭނެ ކަމަށެވެ.
މިކޯހުގެ ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ކޯހުގެ ހަރަދުގެ ގޮތުގއި 10000އާ 15000 ދެމެދުގެ އަދަދަކަށް ސަރުކާރުން ހަރަދު ކުރައްވަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއަކަށް ޕޮކެޓް މަނީ ގޮތުގައި 2000 ރުފިޔާ ކޮންމެ މަހަކު ދޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.