14:30


އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ ވެރިރަށް ކާބުލްގައި ހުޅުވާލައްވާފައިވާ ތިން ދުވަހުގެ ސުލްހައިގެ ކޮންފަރެންސަށް އަމާޒުކޮށް ތާލިބާނު ހަނގުރާމަވެރިން ރޮކެޓް ހަމަލާތަކެއް ދީފި އެވެ.


އަފްޣާނިސްތާނުގެ ފުލުހުން ބުނާގޮތުގައި މިހަމަލާ ދީފައިވަނީ ކޮންފަރެންސް ހުޅުވާލެއްވުމުގެ ގޮތުން ކަރުޒާއީ ވާހަކަފުޅު ދައްކަވަމުން ދަނިކޮށެވެ. އަދި ކޮންފަރެންސް އޮތް މަރުކަޒު ކައިރިއަށް ވަރަށް ގިނަ ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށާއި އެމަރުކަޒު ކައިރިން ހަނގުރާމަވެރިޔަކު ޖާނުން ފިދާވުމުގެ ހަމަލައެއް ވެސް ދީފައިވާ ކަމަށް އެފަރާތުން ބުންޏެވެ.


އެހެން ނަމަވެސް ފުލުހުން އިތުރަށް ބުނެފައިވަނީ މިހަމަލާގައި އެ ހަނގުރާމަވެރިޔާ ފިޔަވައި އެހެން އެއްވެސް މީހަކު މަރުވެފައިނުވާ ކަމަށެވެ. އަދި އެސަރަހައްދުގައި އަދިވެސް ވަރަށް ގިނަ ހަނގުރާމަވެރިން ފިލައިގެން ތިބި ކަމަށް ބެލެވޭ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަފްޣާނިސްތާނުގެ ފުލުހުން ބުންޏެވެ.


މައުލޫމާތު ލިބޭ ގޮތުގައި ރައީސް ކަރުޒާއީ ބާއްވަވާ މިކޮންފަރެންސަކީ އަފްޣާނިސްތާނު ސަރުކާރާއި ތާލިބާނުންނާ ދެމެދު ސުލްހައިގެ ވާހަކަތައް ބާއްވާނީ ކޮން ގޮތަކަށްތޯ ނިންމުމަށްޓަކައި ބާއްވާ ކޮންފަރެންސެކެވެ. މިކޮންފަރެންސަށް ތާލިބާނުންނާއި ހިޒްބުލް އިސްލާމީ ފަދަ ޖަމާއަތްތަކުގެ އިތުރުން ކަރުޒާއީގެ އިދިކޮޅު ފަރާތްތަކަށް ދައުވަތު ދީފައެއް ނުވޭ. އަދި މިކޮންފަރެންސްގައި ބައިވެރިވާ ޑެލިގޭޓުންނަށް އޮތް އަދަބަކީ މަރުގެ އަދަބު ކަމަށް ތާލިބާނުން މީގެ ކުރިން ވަނީ އިންޒާރު ކޮށްފަ އެވެ.