11 Oct 2018, 15:29
މޯލްޑިވްސް ބުރޯޑްކާސްޓިން ކޮމިޝަން އިން ޗެނަލް 13 އަށް ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފި އެވެ.
ބޮރޯޑްކަސްޓަރުންގެ ބެލެނެވެރި ފަރާތް، ބުރޯޑްކޮމް އިން ޗެނަލް 13 އަށް މިކަން އެންގީ އެ ކޮމިޝަނުން އެ ޗެނަލަށް ރޭ ފޮނުއްވި ސިޓީ އެއްގައި އެވެ.
އެ ސިޓީގައި ބުނެފައި ވަނީ މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ، އިންތިޚާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުންނާއި ސަރުކާރުން ގަބޫލުކުރައްވައި ބަޔާން ނެރުއްވާފައިވަނިކޮށް، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި އިންތިޚާބުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭ ގޮތަށް، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ތަކުރާރުކޮށް ފޮނުވަމުންދާ ކަމުގެ ޝަކުވާތަކެއް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނަށް ވަނީ ހުށަހެޅިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި އެހެނިހެން މެމްބަރުންގެ އަބުރާއި އިއްޒަތަށް ހުތުރުވާ ގޮތަށް، ޞައްޙަނޫން ޚަބަރުތަކާއި މަޢުލޫމާތު، އެ ޗެނެލް އިން ފަތުރާކަމަށް ބުނެ އެ ކޮމިޝަން އަށް ޝަކުވާ ލިބެމުންދާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަސް މެމްބަރުން ފިއްލަވައިގެން އުޅުއްވާ ބޭފުޅުންތަކެއް ކަމަށް ދޭހަވާ ގޮތަށް، އެ ބޭފުޅުންގެ ފޮޓޯތައް، ޗެނަލް 13 އިން ދައްކަމުން ދާތީ އެ ސްޓޭޝަނަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެ ކޮމިޝަނުން ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައެއް ރޭ ވަނީ ހުށައަޅާފައި އެވެ.
އަވަސް މައްސަލައެއްގެ ގޮތުގައި އީސީ އިން ބުރޯޑްހުށަހެޅި އެ މައްސަލައާ ގުޅިގެން، ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ، އެ ސްޓޭޝަނުން ކޮންޓެންޓް ފޮނުވުމުގައި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރުގެ ގާނޫނުގައި ބުނާ ކަންތައްތަކާ އެއްގޮތަށް ބްރޯޑްކާސްޓް ކުރުމަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ. އަދި މުޒާހަރާތަކާއި އެއްވުންތައް ލައިވް ކުރުމުގައި، ޞުލްޙަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، 60 ސިކުންތުގެ ލަސްކުރުމަކާ އެކު ބްރޯޑްކާސްޓް ކުރުމަށް ވެސް ޗެނަލް 13 އަށް ވަނީ އަންގައިފަ އެވެ.
“ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ފޮނުވަމުންގެންދާ ކޮންޓެންޓެއްގެ ސަބަބުން ޤައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވާފަދަ ކޮންޓެންޓް ނުފޮނުވުމަށް ސަމާލުކަން ދެއްވުން ވެސް އެދެމެވެ." ބޮރޯޑްކޮމްގެ ސީޓީގައި ބުނެފައިވެ އެވެ.
"އަދި، ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައި ވެސް ދަންނަވަމެވެ.”
ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ ބޮޑެތި ތުހުމަތުކައެއް ޕީޕީއެމް އިން ދަނީ އީސީގެ މައްޗައް ކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން އެ ޕާޓީގެ ބައެއް މެމްބަރުން އެ ޕާޓީ އޮފީސް ކުރިމަތީގައި ސިލްސިލާ މުޒަހާރަތަކެއް ވެސް ދަނީ ކުރަމުންނެވެ. ނަވެސް އިސީ އިން އެ ތުހުމަތުތައް ދޮގު ކުރެއެވެ.