22 Sep 2011, 16:05
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އުފައްދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ އިސް ރޯލްތައް އަދާ ކުރެއްވުމުގައި މައުމޫންގެ އާއިލާގެ ބޭފުޅުން އިސްކުރާ ކަމުގެ ތުހުމަތުތަކެއް އެ ޕާޓީގެ ބައެއް ބޭފުޅުން ކުރައްވައިފި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި، އެ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވީ އާ ޕާޓީ އުފެއްދުމުގެ އެންމެހާ މަސްއޫލިއްޔަތުތައް އެ ބޭފުޅުން ހަވާލު ކުރެއްވީ ރައީސް މައުމޫނާ ކަމަށާއި ނަމަވެސް މިހާރު ކޮމެޓީތައް ޗެއާކުރެއްވުމާއި އަދި އެ ނޫނަސް އެފަދަ ކަންކަން ސީދާ ރައީސް މައުމޫންގެ ދޮށީ ފިރިހެންދަރިކަލުން ފާރިޝް މައުމޫން ކުރެއްވުމަކީ އެ ބޭފުޅުން އެހާ ހިތްޕުޅާވާ ކަމެއް ނޫން ކަމަށާއި އޭރުން ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމްތައް އިލެކްޝަންސަށް ގެންދިއުމުގައި ވެސް މައުމޫންގެ ހަތަރު ބޭފުޅުންނާއި އަދި ސީދާ އެ ބޭފުޅުންނަށް ލޯޔަލް ބޭފުޅުން ކުރިމައްޗަށް ނެރުއްވުމުން ނުރަނގަޅު ތަސައްވުރެއް ކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބޭފުޅުން އާ ޕާޓީއެއް އުފެއްދުމަށް އިސް ނެންގެވީ އިދިކޮޅު ޕާޓީގެ ދައުރު ރާއްޖޭގައި ފަނޑުވެ، ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ހަނިވުމުން ކަމަށާއި އާ ޕާޓީން އެކަން ފެންނަން ޖެހޭނެ ކަމަށެވެ. އަދި އެ ޕާޓީއަކީ އާއިލާ އަށް ބެލުމެއް ނެތި އަދި ކުލައަކަށް ބެލުމެއް ނެތި ހުރިހާ ކުލައަކާއި ރަހައެއް ފެންނަ ޕާޓީއަކަށް ވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ އަލަށް ހަދާ ޕާޓީގެ މަތިފަނޑިން މިހާރު ފެންނަމުން ދަނީ ފުރަމަތަ ޕާޓީ ހެދުމަށް ދެކޮޅު ހެއްދެވި ބޭފުޅުން ކަމަށާއި އެވާގޮތް ނޭނގޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މައުމޫނަކީ އަދި ވެސް ރާއްޖޭގައި އެންމެ މަގުބޫލު ބޭފުޅާ ކަމަށާއި އަދި އެމަނިކުފާންގެ އާއިލާ އަކީ ވެސް އެ އުސޫލުން މުހިންމު ބޭފުޅުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ ދައުރަކަށް ވާންޖެހޭނީ، އޭނާ ވިދާޅުވި ގޮތުގައި، ޕާޓީ ޑިމެކޮރަޓިކްކޮށް ހިންގުމަށް މަގުފަހިކޮށްދޭ ބަޔަކަށެވެ.
ނަމަވެސް ޕީޕީއެމް އަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި އެ ޕާޓީގެ އިސް ބޭފުޅާގެ ވާހަކަތައް، ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފް ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ ޕާޓީގެ މަސައްކަތުގައި ރައީސް މައުމޫންގެ ބޭފުޅުން ކުރީ ސަފުގައި މަސައްކަތް ކުރައްވަނީ މައުމޫނަށް އެހީތެރިވެދެއްވުމުގެ ގޮތުން ކަމަށާއި ވަކި މަގުސަދެއްގައި ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވައިދު އެކުލަވާލާނީ އެމްޑީޕީ އާއި ޑީއާރުޕީގެ އަސާސީ ގަވައިދުގައި ހުރި ދޫމަޅިތައް ތަކުރާރު ނުވާ ގޮތަށެވެ.
މަހުލޫފް ވިދާޅުވީ ޕީޕީއެމްގެ އިންޓަނަލް ޑިމޮކަރަސީއާ ދޭތެރޭ އޭނާގެ އެއްވެސް ސުވާލެއް ނެތެވެ. އަދި އެ ޕާޓީ ވާނީ އެންމެ ޑިމޮކްރަޓިކް ޕާޓީ އަށެވެ.