ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކުރުމަށް ސުޕްރީމު ކޯޓަށް ހުށަހަޅައިފިއެވެ.

އިންތިޚާބު ބާތިލު ކުރުމަށް ސުޕްރީމު ކޯޓަށް ވައްދާފައިވަނީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުންނެވެ.

އިންތިޚާބު ބާތިލުކުރުމަށް ހުށަހަޅާފައިވަނީ އިންތިޚާބުގެ ދާއިމީ ނަތީޖާ ވެސް އިއުލާނުކޮށްފައި ވަނިކޮށެވެ. އިންތިޚާބު ބާތިލުކުރާނެ އެއްވެސް ސަބަބެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.

ނަމަވެސް ޕީޕީއެމްގެ އެކްޓިވިސްޓުން ދަނީ އިލެކްޝަންސްއިން އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ބުނަމުންނެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައ ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށްފަހު އެމަނިކުފާނުގެ ވަކީލު އަދި ޖުޑީޝަލް ސާވިސެސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުކަންވެސް ކުރައްވާ (ރޭނިސް) މުހައްމަދު ސަލީމް ވިދާލުވީ ރައީސް އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ހައްގުގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އަށް ބަލާއިރު އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިލެއްވީ 134،705 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 58.40 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިލެއްވީ 96،052 ވޯޓެވެ. އެއީ 41.6 ޕަަސެންޓެވެ.