10 Oct 2018, 12:54
ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް މާލެ ގެނައިސް ޑޮކްޓަރަށް ދައްކައިފި އެވެ.
މިއަދު ހެނދުނު އަދީބު ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށެވެ. އެނގިފައިވާ ގޮތުގައި އަދީބް ވަނީ ޔޫރޮލޮޖިސްޓަކަށް ދައްކައިފަ އެވެ. އަދި ބައެއް ޓެސްޓްތަކާއި ސްކޭންތަކެއް ހެދުމަށް ފަހު އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ ހުކުރު ދުވަހު ވެސް އަދީބް ވަނީ ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައިސްފަ އެވެ. އެ ފަހަރު އޭނާ ދައްކާފައި ވަނީ އައިކެއާ އޮޕްޓިކަލަށެވެ.
އަދީބަށް ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގޮލޮކޮމާ ޖެހި ސާޖަރީއެއް ހެދުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. ނަމަވެސް މެޑިކަލް ބޯޑުގެ ހުއްދަ ނުލިބިމުގެ ސަބަބުން މިއަދާ ހަމައަށް ވެސް ބޭސްފަރުވާއަށް އަދީބް، ރާއްޖެއިން ބޭރަށް ގެންދެވޭ ގޮތް ވެފައި ނުވާ ކަމަށް އާއިލާއިން ބުނެ އެވެ.
އަދި ލޮލުގެ ބައްޔެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.