10 Oct 2018, 11:39
ޓެރެރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުނެފި އެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހު ނަޝީދު މާލެ ވަޑައިގަތުމަށް ނިންމާފައިވާ އިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ދިނުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ނަޝީދުގެ މައްޗަށް ހިންގާފައިވާ ޝަރީއަތަކީ އަދި ކޮށްފައިވާ ހުކުމަކީ ގާނޫނާ ހިލާފު ހުކުމެއް ކަމަށް އދ. ވަނީ ނިންމާފައި ކަމަށެވެ.
އދ. އިތުރުން ބައިނަލްޣްވާމީ ހުރިހާ ގައުމަކުން ވެސް ނަޝީދު މައްޗަށް ކޮށްފައިވާ ހުކުމް ބަލައި ނުގަނެ އެމަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި މިހާރު ވެސް އެ ހުންނަވަނީ މިނިވަނެއްގެ ގޮތުގައި. އަދި މުޅި ދިވެހި ރާއްޖެ ވެސް ދެކެނީ އެ ގޮތަށް ކަމުގައި އަޅުގަނޑުމެން ދެކެނީ. ރައީސް ނަޝީދު ވަޑައިގަތް ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ސިޔާސީ އަދި މަދަނީ ހައްގުތައް އަދި އިންސާނީ ހައްގުތަކާއި ސިޔާސީ ހައްގުތައް ބޭނުންކުރުމުގައި އިރާދަކުރެއްވިއްޔާ އެއްވެސް ހުރަހެއް ނޯންނާނެ ނޮވެމްބަރު އެކެއްގައި ރައީސް ނަޝިދު ވަޑައިގަންނަވާއިރު،" ހަސަން ލަތީފް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުން މިނިވަން ކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް އެމްޑީޕީން ކުރަމުން އަންނަ ކަން ހަސަން ލަތީފް ފާހަގަކުރެއްވި އެވެ. އަދި ނޮވެމްބަރު އެކެއްގައި ނަޝީދު މާލެ ވަޑައިގަންނަވާއިރު ދައުލަތުގެ އެއްވެސް އިދާރާއަކުން އެމަނިކުފާނަށް ގޯނާއެއް ކުރައްވާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ތައްޔާރުވަމުން އަންނައިރު އެއާޕޯޓަށް ދިއުމުގެ ބަދަލުގައި ސަޕޯޓަރުން ތިއްބަވާނީ މާލޭގައި ކަން ހަސަން ލަތީފް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބޭނުންވާ ފަރާތްތަކުން ވެސް އެދުވަހު މާލެ ވަޑައިގަތުމުގެ ދައުވަތު ހަސަން ލަތީފް ވަނީ ދެއްވާފަ އެވެ.