10 Oct 2018, 10:50
ވޮޝިންޓަން (އޮކްޓޯބަރު 10): އދ. ގައި ހުންނަވާ އެމެރިކާގެ ސަފީރު ނިކީ ހޭލީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.
އެމެރިކާގެ ސަފީރުކަން ދެ އަހަރު ވަންދެން ކުރެއްވުމަށް ފަހު ހޭލީ އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅުނުވެއެވެ. އަދި 2020ގައި ހޭލީ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް، އޭނާ ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.
ހޭލީގެ އިސްތިއުފާއާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާއާ ބައްދަލު ކުރައްވާފައެވެ. އަދި ހޭލީއަކީ ވަރަށް "ހާއްސަ ފަރާތެއް ކަމަށާއި، އޭނާގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރައްވާފައިވާ" ކަމަށް ވިދާޅުވެފައެވެ.
ހޭލީ އިސްތިއުފާ ދެއްވާފައި ވަނީ، ސައުތު ކެރޮލައިނާގެ ވިޔަފާރިވެރިންގެ އަތުން އޭނާ ހަދިޔާގެ ގޮތުގައި ހަތް ޕްރައިވެޓް ފްލައިޓް ދަތުރު ގަބޫލުކުރެއްވިކަމަށް އެމެރިކާގެ އެންޓި ކޮރަޕްޝަން އިދާރާއަކުން ތުހުމަތު ކުރި ފަހުންނެވެ.
ހޭލީއަށް ފަހު އދ.ގެ ސަފީރުގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކު ކުރިއަށް އޮތް ދެ ތިން ހަފްތާ ތެރޭ އިއުލާން ކުރައްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.