މާލޭގައި އިމާރާތް ކުރަން ފެށުމަށް ފަހު ފައިސާގެ ދަތިކަމާ ހުރެ، ނުނިމި ހުރި އިމާރާތްތަކަށް ލޯން ދިނުމަށް ކުރިއަށް ވުރެ ލުއިކޮށް ގޮތްތަކެއް ހަމަޖައްސައި މުއްދަތު އިތުރުކޮށްފި އެވެ.

ހައުންސިން މިނިސްޓްރީން މިއަދު ބުނީ ނުނިމި ހުރި އިމާރާތްތައް ނިންމުމަށް ދޫކުރާ ލޯނަށް އެދި ހުށަހަޅާ ފޯމުގެ ހަތަރު ވަނަ މާއްދާގެ ފަސް ވަނަ ނުކުތާ އަށާއި ހަ ވަނަ ނުކުތާ އަށް ބަދަލެއް ގެނައީ ފޯމު ހުށަހެޅުމުގެ މަރުހަލާ ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެ ފޯމުގެ ހަތަރު ވަނަ މާއްދާގެ ފަސް ވަނަ ނުކުތާގައި ބުނަނީ މިހާރު މަސައްކަތް ހިނގާފައިވާ މިންވަރު އަންގައިދޭ ރިޕޯޓެއް ހުށަހެޅުމަށެވެ. އަދި އެ ރިޕޯޓުގައި މިހާރު މަސައްކަތް ނިމިފައިވާ ޕަސެންޓޭޖާއި މަސައްކަތްފެށި ތާރީޚް ހިމަނަންޖެހެ އެވެ. އަދި މަސައްކަތް ހުއްޓުނު ތާރީޚާއި އިމާރާތުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ކަންތައް ކޮންމެ ފަންގިފިލާއެއް ވަކިވަކިން ހިމަނަންޖެހެ އެވެ.

ނަމަވެސް މިހާރު އޮތް ގޮތުން މި ރިޕޯޓަކީ ހައުސިން މިނިސްޓްރީގެ ދަފްތަރުގައި ހިމެނޭ އިންޖިނިޔައަރަކު ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވާކަށް ނުޖެހޭނެ އެވެ.

އަދި މި މާއްދާގެ ހަ ވަނަ ނުކުތާ އަށް ގެނައި ބަދަލާ ގުޅިގެން މަސައްކަތް ނިންމުމަށް ބޭނުންވާ ރުފިޔާގެ އަދަދު އަންގައިދިނުމަށް ހުށަޅާ ލިޔުމަކީ ބީއޯކިޔު އަކަށް ވާކަށް ވެސް ނުޖެހެ އެވެ.
ނަމަވެސް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރާ ފަރާތްތަކުން އިންޖިނޭރެއްގެ ރިޕޯޓެއް ހުށަހަޅަން ޖެހޭނެ އެވެ.

މިބަދަލާ ގުޅިގެން ފޯމު ހުށަހަޅާ މުއްދަތު އަންނަ މަހުގެ 15 އަށް އިތުރު ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ ލޯނަށް އެދި ކުރިން ފޯމު ހުށަހަޅާފައި ހުރި ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މާލޭގައި އިމާރާތް ކުރަން ފެށުމަށް ފަހު ފައިސާގެ ދަތިކަމުގެ ސަބަބުން ނުނިމި ހުރި އިމާރާތްތައް ނިންމުމަށް 11.75 ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު 500 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ތަޢާރަފް ކުރީ މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ އެ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަ ޖެހިފައިވާ އެންމެ ބޮޑު އަދަދަކީ ތިން މިލިޔަން ރުފިޔާ އެވެ. އަދި 15 އަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ މި ލޯން ސްކީމްގައި ލޯން ނަގާ ފަރާތްތަކަށް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް( ލޯނަށް ފައިސާ ދައްކަން ނުޖެހޭ މުއްދަތެއް) ދީފައިވާއިރު އެ މުއްދަތުގައި ދައްކަން ޖެހޭ އިންޓަރެސްޓް ލޯންގެ ބައެއްގެ ގޮތުގައި ހަމަޖެހޭނެ އެވެ.