10 Oct 2018, 11:55
އިންޑިއާ ކަނޑުގެ ލީޑިންގް އެއާޕޯޓުގެ އެވޯޑު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަހަރުވެސް ލިބިއްޖެއެވެ.
ދެކުނު އެފްރިކާގެ ޑާބަންގައި މިދިޔަ ހަފްތާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އަދި އިންޑިއަން އޯޝަން ގާލާގައި ރާއްޖޭގެ މައި ބައިނަލްއަގުވާމީ އެއާޕޯޓަށް މި އެވޯޑު ލިބިފައިވާ އިރު، މިއީ އެ އެއާޕޯޓަށް ސަރަހައްދުގެ ލީޑިންގް އެއާޕޯޓުގެ އެވޯޑު ލިބުނު 11 ވަނަ ފަހަރެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި އެވޯޑު ލިބުނީ، މަޑަގަސްކާގެ އިވާޓޯ އިންޓަނޭޝަނަލް އެއާޕޯޓާއި ރިޔޫނިއަންގެ ރޯލަންޑް ގަރޯސް އެއާޕޯޓާއި ސީޝެލްސްގެ ސީޝެލްސް އިންޓަނޭޝަނަލް އެއާޕޯޓު އަދި މޮރީޝަސްގެ ސިވުސަގުރް ރާމްގުލަމް އިންޓަނޭޝަނަލް އެއާޕޯޓާ ވާދަކޮށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއިން އިންޑިއަން އޯޝަން ގާލާއެއް ބާއްވަން ފެށީ 2003 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 10 ފަހަރަށް ބެސްޓް އެއާޕޯޓުގެ އެވޯޑު ލިބިފައިވާ އިރު، މިއަހަރަކީ އެ އެއާޕޯޓަށް އެ އެވޯޑު ލިބުނު 1 ވަނަ ފަހަރެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މީގެ ކުރިން މި އެވޯޑު ލިބިފައިވަނީ 2004، 2005، 2008، 2009، 2012، 2013، 2014، 2015 އަދި 2016 ގެ އިތުރުން 2017 ވަނަ އަހަރުއެވެ.
މީގެ ކުރިން މާލެ އިންޓަނޭޝަނަލް އެއާޕޯޓާއި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެެއާޕޯޓުގެ ނަމުގައި ހިންގި މި އެއަޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ރީބްރޭންޑް ކުރީ 2017 ވަނަ އަހަރު ފެށުމާއެކުއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް ސަރުކާރުން ކުރިއަށް ގެންދާ އިރު، އެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި ކޯޑު އެފް ރަންވޭއެއް ވަނީ އަޅާފައެވެ. އަދި ޓެސްޓު ފްލައިޓެއްގެ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ޕެސެންޖާ އެއާކްރާފްޓު ކަމުގައިވާ އެއާބަަސް އޭ380 މަރުކާގެ ބޯޓެއް ވަނީ އެތަނުގައި ޖައްސާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އަހަރަކު ހަތް މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދިނުމުގެ މަގްސަދުގައި އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލެއް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮންނަ ހުޅުލެއާއި މާލެއާ ދެމެދު އެޅި ސިނަމާލެ ބްރިޖުގެ މަސައްކަތް ނިންމައި، އެތަން އާންމު ޓްރެފިކަށް މިހާރު ހުޅުވާލާފައިވާ އިރު، މާލެއާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ފަސޭހައިން އެއްގަމު މަގުން ދަތުރުކުރެވޭނެ ގޮތް ވަނީ މިހާރު ފަހިވެފައެވެ.