އިލެކްޝަން ކޮމިޝަން (އީސީ) މެމެމްބަރުން ލަންކާއިން ހިމާޔަތް ހޯދިކަމަށް ބުނާ ވާހަކަ އަކީ ދޮގު ހަބަރެއް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިކަން ދޮގު ކޮށްފައި މިވަނީ ލަންކާ އޮންލައިން ނޫހަކުން އީސީ މެމްބަރުން އެ ގައުމުން ހިމާޔަތް ހޯއްދެވިކަމަށް މިއަދު ރިޕޯޓު ކޮށްފައި ވަނި ކޮށެވެ.

އީސީ ގެ މެމްބަރު އަހުމަދު އަކުރަމް މިއަދު "ސަން" އަށް ވިދާޅުވީ އެކޮމިޝަން ގެ އެއްވެސް މެމްބަރެއް އެއްވެސް ގައުމެއްގެ ހިމާޔަތް ނުހޯދާ ކަމަށާއި ވަރަށް އަވަހަށް އެނބުރި ރާއްޖެ ވާޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ގައުމެއްގެ ހިމާޔަތް ހޯދަން ޖެހޭ އެއްވެސް ސަބަބެއް ނެތް، އެއްވެސް މެމްބަރަކު ވެސް ނޫޅުއްވާ އެއްވެސް ގައުމެއްގެ ހިމާޔަތް ހޯއްދަވާކަށް،" ލަންކާގައި ހުންނަވައި ފޯނުން ވާހަކަ ދައްކަވަމުން އަކުރަމް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ، އިސްމާއިލް ހަބީބް އަބްދުލްރަހުމާނާއި، އަހްމަދު އަކްރަމާއި، އަލީ ނަޝާތު މިހާރު ތިއްބެވީ ސްރީލަންކާގައެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ ބޮޑެތި ތުހުމަތުކައެއް ޕީޕީއެމް އިން ދަނީ އީސީގެ މައްޗައް ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން އެ ޕާޓީގެ ބައެއް މެމްބަރުން އެ ޕާޓީ އޮފީސް ކުރިމަތީގައި ސިލްސިލާ މުޒަހާރަތަކެއް ވެސް ދަނީ ކުރަމުންނެވެ. ނަވެސް އިސީ އިން އެ ތުހުމަތުތައް ދޮގު ކުރެއެވެ.

އިސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބު ނަތީޖާ އިއުލާން ކުރި ދުވަހުން ފެށިގެން އެ ކޮމިޝަންގެ މެމްބަރުން އުޅެން ޖެހިފައިވަނީ ވަރަށް ބިރުވެރި މާހައުލެއްގައި ކަމަށާއި އެ މެމްބަރުންނަށް ގޭންގުތަކުން މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ.