09 Oct 2018, 14:09
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަނުން ކަނޑައެޅި ހަތަރު މެމްބަރުންނަކީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު، އަބްދުލްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)އެވެ.
ސުޕްރީމް ކޯޓުގައި ވަކިވަކިން ބޭއްވި އަޑުއެހުންތަކުގައި މެމްބަރު ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް އިއްވި ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން މައްސަލައެއް ބަލާ 13 އެޕްރީލް 2017 ގައި ޕާޓީން ވަކިކޮށްފައިވާކަން ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި އެ އެންގުން އިލެކްޝަންސް ކޮމިޝަނަށްވެސް ޕީޕީއެމްއިން އަންގާފައިވާކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ސައުުދު އަނބުރާ ޕާޓީއަށް ވެއްދުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސައުދު ކޮށްފައިވާ ސޮއި އަނބުރާ ގެންދިއުމަށް އެންގި ކަމަށާއި، އަދި އެކަން އެގޮތަށް ނުކުރުމުން ޕީޕީއެމްއިން ވަކިކޮށްފައިވާކަމަށް އެނގެން އޮންނަ ކަމަށްވެސް ހުކުމުގައިވަނީ ބުނެފައެވެ.
ނަމަަވެސް ސުލޫކީ ފިޔަވަޅު އިސްތިއުނާފުކުރުމަށް ލިބޭ 15 ދުވަހުގެ ތެރޭގައި ސައުދުގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވާކަން އެނގެން އޮންނަ ކަމަށާއި ސައުދުގެ ފަރާތުން ޕާޓީއާއި އަލުން ގުޅުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަކޮށްފައި ނުވާކަންވެސް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
އިލެކްޝަން ކޮމިޝަންގައި އޮންނަ ޕީޕީއެމްގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްފައިނުވާތީ ނަން އުނިކޮށްދިނުމަށް 10 ޖުލައިގައި އެ ކޮމިޝަނަށް ސިޓީއެއް އަދި ފޯމުވެސް ސައުދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަން އެނގެން އޮތް ކަމަށް ހުކުމްގައިވެއެވެ. އިލެކްޝަން ކޮމިޝަނުން އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކޮށްފައިނުވުމަކީ ސައުދުގެ ހައްގަށް އުނިކަން އަންނަން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ހުކުމުގައިވެއެވެ.
ހުކުމްގައި އިތުރަށް ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ގަރާރަކީވެސް ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންގްއާ ގުޅޭ ގޮތުން ނެރުނު ހުކުމްގެ ކުރީގައި އެކުލަވާލި ގަރާރެއް ކަމަށާއި، އެހެންކަމުން، އެ ގަރާރާ ގުޅިގެން ވެސް ސައުދުގެ ގޮނޑި ގެއްލުވާލެވޭނެ ހަމައެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެ ހުކުމުގައި ވަނީ އިލެކްޝަންސް ކޮމިޝަނުން ވިލިނގިލީ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް ދައުލަތުގެ އިދާރަތަކަށް އެންގި އެންގުމާއި، ބައި އިލެކްޝަން ބޭއްވުމަށް ކުރި އިއުލާން ބާތިލުކޮށް، ސައުދު ހުސައިންއަކީ އަދިވެސް ވިލިނގިލީ ދާއިރާގެ މެމްބަރުކަމަށް ބުނެފައެވެ.
މެމްބަރު އަމީތުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕުރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން މައްސަލައެއް ބަލާ 29 މާޗު 2017 ގައި ޕާޓީން ވަކިކޮށްފައިވާ ކަން ސިޓީއަކުން އަމީތުއަށާއި، އިލެކްޝަންސް ކޮމިޝަނަށް ވެސް ޕީޕީއެމްއިން އަންގާފައިވާކަމަށެވެ. އަދި ސުލޫކީ ފިޔަވަޅު އަޅައި ޕާޓީއިން ވަކިކުރުމުން ވެސް އިލެކްޝަން ކޮމިޝަންގައި އޮންނަ ޕީޕީއެމްގެ ދަފުތަރުން އަމީތުގެ ނަން އުނިކޮށްފައިނުވާތީ ނަން އުނިކޮށްދިނުމަށް 10 ޖުލައިގައި އަމީތު އިލެކްޝަން ކޮމިޝަނަށް ސިޓީ ފޮނުއްވާފައިވާ ކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ.
އޮކްޓޯބަރ 8، 2018: ގޮނޑި ގެއްލުނުކަމަށް ބުނި 12 މެމްބަރުގެ ތެރެއިން 4 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުން: ގޮނޑި ނުގެއްލޭކަމަށް ހުކުން ކުރި ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭގެ އިތުރުން ޕީޕީއެމްއިން ވަކިކޮށްދިނުމަށް އެދި 11 ޖުލައިގައި ފޯމް ވެސް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަން އެނގެން އޮތް ކަމަށް ހުކުމްގައިވެ އެވެ. އިލެކްޝަން ކޮމިޝަނުން އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކޮށްފައިނުވުމަކީ އަމީތުގެ ހައްގަށް އުނިކަން އަންނަން ޖެހޭނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެ ހުކުމުގައި ވަނީ އަމީތުއާ މަޑުއްވަރީ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ދައުލަތުގެ އިދާރަތަކަށް އެންގި އެންގުމާއި، ބައި އިލެކްޝަން ބޭއްވުމަށް ކުރި އިއުލާން ބާތިލްކޮށް އަމީތަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު ކަމަށް ބުނެފައެވެ.
އޮކްޓޯބަރ 8، 2018: ގޮނޑި ގެއްލުނުކަމަށް ބުނި 12 މެމްބަރުގެ ތެރެއިން 4 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުން: ގޮނޑި ނުގެއްލޭކަމަށް ހުކުން ކުރި ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ލަތީފްގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުނީ، އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ބަދަލުވެއްޖެނަމަ، މެންބަރުކަން ގެއްލޭ ކަމަށް ކަނޑައަޅައި އެ ކޯޓުން ނެރުނު ހުކުމްގައިވާ އެއްވެސް އުސޫލެއްގެ މައްޗަށް ލަތީފް ނުފެތޭ ކަމަށެވެ. ފްލޯ ކްރޮސިންއާ ގުޅޭ ހުކުމްގެ މާކުރިން، މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ޕީޕީއެމްއިން ވަކިވާން ލަތީފް ސިޓީ ހުށަހަޅުއްވާފައިވާކަން ހުކުމުގައި ފާހަގަ ކުރި އެވެ.
ފްލޯ ކްރޮސިންއާ ގުޅޭ ހުކުމް ސުޕްރީމް ކޯޓުން ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. ލަތީފު ޕީޕީއެމްއިން ވަކިކޮށް، އެކަން އިލެކްޝަން ކޮމިޝަނަށް އެ ޕާޓީއިން އެންގީ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން މަތިން ލަތީފް ޕާޓީއިން ވަކިވާން ޕީޕީއެމްއަށް ސިޓީ ހުށަހަޅުއްވައި އެ ސިޓީގެ ކޮޕީއެއް އިލެކްޝަން ކޮމިޝަނަށް ފޮނުވާފައި ވުމުން ލަތީފް ޕީޕީއެމްއިން ޖޫން މަހުގެ 19 ވަނަ ދުވަހު ވަކިވެފައިވާ ކަމަށެވެ.
އޮކްޓޯބަރ 8، 2018: ގޮނޑި ގެއްލުނުކަމަށް ބުނި 12 މެމްބަރުގެ ތެރެއިން 4 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުން: ގޮނޑި ނުގެއްލޭކަމަށް ހުކުން ކުރި ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭގެ އިތުރުން، އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ވެސް ލަތީފްގެ ގޮނޑި ގެއްލޭނެ ގޮތެއް ނޯންނާނެ ކަމަށް ހުކުމްގައިވެ އެވެ. އެއީ އެ ގާނޫނުގައިވާ ގޮތުން ވެސް ގާނޫނު ހިނގާނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށް ބުނެފައިވާތީ ކަމަށެވެ.
ވައްޑެގެ ގޮނޑިއާ މެދު ގޮތެއް ނިންމަމުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ ވައްޑެ ޕީޕީއެމުން ވަކިވީ ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން ކަން އެނގެން އޮންނަ ކަމަށެވެ. ވައްޑޭ ޕާޓީ އިން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުގައި ކަމަށާއި އެކަން ސިޓީއަކުން ޕީޕީއެމްއިން ވައްޑެއަށް އަންގާފައިވާއިރު އެ ސިޓީގެ ކޮޕީއެއް އިލެކްޝަން ކޮމިޝަނަށް ވެސް ފޮނުވާފައިވާ ކަމަށް ހުކުމުގައިވެ އެވެ. ހުކުމުގައި ބުނެފައި ވަނީ ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅީ ހުކުމްގެ ކުރިން ވައްޑެ ކުރެއްވި އަމަލެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެ ހުކުމުގައި ވަނީ އިލެކްޝަންސް ކޮމިޝަނުން ވައްޑެގެ ގޮނޑި ހުސްވެއްޖެކަމަށް ދައުލަތުގެ އިދާރަތަކަށް އެންގި އެންގުމާއި، ބައި އިލެކްޝަން ބޭއްވުމަށް ކުރި އިއުލާން ބާތިލްކޮށް، އޭނާ އަކީ އަދިވެސް ތުލުސްދޫ ދާއިރާގެ މެމްބަރުކަމަށް ބުނެފަ އެވެ.