މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ]އެމްޓީސީސީ[ އިން ވިލިމާލެ އާއި ހުޅުމާލެ އަށް ދެމުންގެންދާ އަންނަ ފެރީގެ ޓިކެޓްގެ އަގު، ވިލިމާލެ އަށް ފަސް ރުފިޔާ އަށް އަދި ހުޅުމާލެ އަށް އަށް ރުފިޔާ އަށް ބޮޑުކުރަން ނިންމައިފި އެވެ.

ސަރުކާރުގެ ރަސްމީގެ ގެޒެޓްގެ މިއަދުގެ އަދަދުގައި، އެމްޓީސީސީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހު 30 އިން ފެށިގެން އެ ދެ ރަށަށް ކުރާ ދަތުރުގެ ފެރީ ޓިކެޓް އަގުބޮޑު ކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން މިހާރު ޓިކެޓް ވިއްކާ ރޭޓުން އެ ހިދުމަތް ދެވެން ނެތުމުން ކަމަށެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު އުފުލިފައިވާ ވަރުން މި ޚިދުމަތުގެ އަގަށް ބަދަލެއް ނުގެނެސް މި ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިހާރު މިކުންފުންޏަށް މާލީގޮތުން ދަތިކަމެއް. މިހެންވެ އަގަށް ބަދަލުގެންނަން މިނިންމީ،" ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ މެނޭޖަރު އާދަމް ޒަކީ ވިދާޅުވި އެވެ.

އެމްޓީސީސީ އިން ހުޅުމާލެ އަށް މިހާރު ކުރާ ދަތުރުގައި މީހެއްގެ އަތުން ނަގަނީ ކޮޅަކަށް ފަސް ރުފިޔާ އެވެ. އަދި ވިލިމާލެ އަށް ކޮޅަކަށް ތިން ރުފިޔާ އެވެ.

ހުޅުމާލެ އަށް ކުރާ ފެރީ ދަތުރުގައި ސައިކަލް އުފުލާ ރޭޓަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އަލަށް ހަމަޖެއްސި ރޭޓުން ސައިކަލެއް ކޮޅަކަށް ގެންގޮސް ދެނީ 20 ރ. އަށެވެ. ކުރިން ސައިކަލެއް އުފުލާފައި ވަނީ ކޮޅަކަށް ހަތް ރުފިޔާ އާއި 10 ރ. އާ ދެމެދުގެ ރޭޓެއްގަ އެވެ.

އެމްޓީސީސީ އިން ބުނީ އާ ރޭޓަށް އަމަލު ކުރާ އިރު ޔުނީފޯމްގައި ދަތުރު ކުރާ ސްކޫލް ކުދިންގެ އަތުން ފީ ނުނަގާނެ ކަމަށެވެ.